Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 20:50
އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީގެ ދެ މެމްބަރުން ކަމަށްވާ އަމީރު (ވ) އާއި އަމްރު
އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީގެ ދެ މެމްބަރުން ކަމަށްވާ އަމީރު (ވ) އާއި އަމްރު
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދީ ހާލަތު
މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ
ދައުލަތުގެ ކަމަބެހޭ އިދާރާތަކުން އިގްތިޞާދީ ތަފާސް ހިސާބުތައް އާއްމު ނުކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
މިހާރު ދައުލަތުގެ ދަރަނި ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވި
ބޮޑެތި ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހޭއިރު ނިކަމެތި ރައްޔިތުންގެ އަތުން ޑިއުޓީއާއި ޓެކްސްވެސް ދަނީ ނަގަމުން ކަމަށް އެމްޑީޕީން ބުނޭ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކަރުގައި އިގްތިޞާދީ ސިޔާސަތެއް ނެތްކަމަށާއި އިގްތިޞާދީ ކަންކަން ރަނގަޅަށް ދިއުމުގެ ބަދަލުގައި ދަނީ ދިމާ އިދިކޮޅަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިޞާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު އާއި ޕޮލިސީ ކޮމެޓީގެ މުގައްރިރު ހުސައިން އަމްރު ވިދާޅުވީ މި ސަރުކާރުގައި އެގްތިޞާދީ ސިޔާސަތެއް ނެތްއިރު، އިގްތިޞާދީ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓެމުންދާތަން ފެންނަކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވެސް ދެ މެމްބަރުން ކަމަށްވާ އަމީރު އާއި އަމްރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ދައުލަތައް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ކޮންމެ ހަފްތާއަކު އާއްމު ކުރަމުން ދިޔަ ކަމަށާއި މި ސަރުކަރުން ދައުލަތަށް ވަންނަ ފައިސާ އާއި ޚަރަދުވާ ފައިސާގެ ތަފްސީލްތައް އާއްމު ނުކުރާއިރު، އެ ހިސާބުތައް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން އާއްމުކޮށްފައިވާ ރާއްޖޭގެ އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާނަމަ މިހާރު ރާއްޖޭގެ އިފެއްދުންތެރިކަމުގެ ނިސްބަތުން ތިން ބިލިއަން ޑޮލަރަށް ރާއްޖޭގެ ދަރަނި އަރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަމީރު ވިދާޅުވީ ތަފާސްހިސާބުތައް ސަރުކާރުން އާއްމު ނުކުރާ މައިގަނޑު ސަބަބު ކަމަށް ގަބޫލު ކުރެވެނީ ބޭރުގެ ފަރާތްތަކަށް ޓްރެޒަރީ ބޮންޑު ވިއްކާއިރު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާއިރު، އެ ޚަރަދުތައް ފޫބައްދަން އާމްދަނީވެސް އިތުރުކުރަންޖެހޭއިރު، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރައްޖޭގެ އިތުރު ފަޅުރަށްތަކެއް ލިސްޓްކޮށް، ބިޑަކާ ނުލާ ވިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިފަދަ ކަންކަން ފެންމަތިވުމަކީ ސަރުކާރުން ގެންގުޅޭ އިގްތިޞާދީ ސިޔާސަތު ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުގައްރިރު އަމްރު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވާވަރަކަށް ސަރުކާރަށް ލިބޭ އާމްނީ އިތުރުވާނެ ކަމަށާއި ރައްޔިތުން ގަންނަ މުދާ އަގުބޮޑުވުމަކީ ދައުލަތަށް ޓެކްސްއިން ލިބޭ އާމްދަނީ ވެސް އިތުރުވުން ކަމަށެވެ. ސަރުކާރުގެ ވިސްނުންހުރި އެއްގޮތަކުން ނެތިއްޔާ އަނެއް ގޮތަކުންވެސް ފައިސާ ހޯދުން ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާއްމު ރައްޔިތުން ގޭގެ އަޅަންގެންގުޅޭ ސާމާނުތަކުން ޑިއުޓީ ނަގަމުންދާ ތަން. އޭގެ ބަދަލުގައި ބޮޑެތި ލަގްޒަރީ ފްލެޓްތައް އަޅަން ގެންނަ ސާމާނުން ޑިއުޓީ ކަނޑާލިތަން. މިއީ ސަރުކާރުގެ ސިޔާސަތު. ހަމަ އެގޮތަށް ގެސްޓް ހައުސް އަޅަންގެންނަ ސާމާނުން ޑިއުޓީ ނަގަމުންދާއިރު ބޮޑުތި ލަގްޒަރީ ރިސޯޓްތައް ހެދުމަށް ގެންނަ ސާމާނުން ވަނީ ޑިއުޓީ ކަނޑާލާފަ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާއި އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އިމާރާތްފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން މިހާތަނަށް ރާއްޖޭގެ ރައްޔިތަކަށްވި ފައިސާއެއް ނެތް ކަމަށާއި އެއީ އިގްތިޞާދީ ވާހަކަ ދައްކާއިރު ދެއްކޭނެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

"އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ބެލިކަމަށްވިޔަސް އެހަދަނީ ބޭރުބަޔަކު. ދިވެހިންނެއް ނޫން އެ އިމާރާތް އިމާރާތްކުރަނީކީ. ގެންނަ ހުރިހާ ސާމާނެއް ގެންނަނީ ބޭރުން. އެއަކުން ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް. އެހެންވީމާ އެއީ ރާއްޖެއަށް ވަންނަ ފައިސާއެއް ނޫން. ރާއްޖޭގެ އިގްތިޞާދަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް. ހަމަ އެގޮތަށް ބްރިޖްވެސް، ޗައިނާ މީހުންނަށް ވަކި ސަރަހައްދެއްދީ އެމީހުން އެތިބީ އެތާ ގެ އަޅައިގެން. އެމީހުން ކަންކަން ގެންނަ ސާމާނުވެސް ބޭރުން، ރައްޖޭގައި ދުއްވާ  ވެހިކަލަކީ ވެސް އެމީހުންގެ ވެހިކަލް، އެހެންމީވާ ރައްޔިތަކަށްވާ އެއްވެސް ފައިދާއެއް ނެތް،" އަމްރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް