ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކުރަން ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސްއަށް ކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު 29 މެއި ގައި ފުލުހުންގެ އިދާރާއަށް ހުށަހެޅި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ، ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރަކީ ޝަރުއީ ކޯޓުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ބަންދުގައި ހުރި މީހަކަށްވާތީ، އެދިފައިވާ ލިޔުން ހުށަހަޅަން ޖެހޭނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ކަމަށެވެ.
އަދީބުގެ މެޑިކަލް ލިޔުންތައް ހަވާލު ކުރުމަށް ވަކީލުން އެދިވަޑައިގެންފައިވާއިރު، ފުލުހުން ފުލުހުންގެ ސިޓީގައި ބުނެފައިވަނީ އެ ލިޔުންތައް ހަވާލުކުރަން ފޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓުން ގުޅާނެ ކަމަށެވެ.
ތަފާތު އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާއިރު، އޭނާގެ ސިއްހީ މައްސަލަތަކާ ގުޅިގެން އައިލާއިން ކަމާ ގުޅޭ ފަރާތްތަކަށް އެކަން އަންގައި، ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެދިފައިވާތާވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމާ ގުޅިގެން ފުލުހުންވަނީ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.
އަދީބުގެ އާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެ މަނިކުފާނު ޖަލުގައި ހައްޔަރުކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ވަނީ ކަށަވަރުވެފަ އެވެ.
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އޭނާގެ އާއިލާގެ ފަރާތުންވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދޭނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނެފައިވާ އިރު މާޗު މަހުގެ 8 ވަނަ ދުވަހު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އަދީބު ހުންނެވީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.
ކަރެކްޝަނުން ބުނަމުންދަނީ އަދީބަށް އެފަދަ ހުއްދައެއް ދިނުމުގެ އިހުތިސާސެއް އެ މުއައްސަސާއަށް ނެތް ކަމަށާއި ހުއްދަ ދޭނީ ފުލުހުން ކަމަށެވެ.