ކ. މާލެ
|
22 ޖެނުއަރީ 2022 | ހޮނިހިރު 18:36
ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި މާލޭ ވެޓެރަންސް ޓީމު
ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި މާލޭ ވެޓެރަންސް ޓީމު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕް
ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއަށް
ޗެމްޕިއަންޝިޕުގައި ވާދަކުރީ ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު
މާލޭ ސްޕޯޓްސް އަތުން މާލޭ ވެޓެރަންސް މޮޅުވީ އަށް ލަނޑުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދައިފިއެވެ.

ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕަކީ ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަށް ޓީމު ވާދަކުރި ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ޗެމްޕިއަންޝިޕުން ޖާގަ ހޯދީ މާލޭ ވެޓެރަންސް އާއި، މިލާން ކްރިކެޓް އެކެޑަމީ އާއި، މާލޭ ސްޕޯޓްސް ކުލަބު އަދި ކުލަބު ވިޔަންސާއެވެ. މީގެ ތެރެއިން މާލޭ ވެޓެރަންސްއިން ވަނީ ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕުގެ ފައިނަލުގައި މާލޭ ވެޓެރަންސް އާއި މާލޭ ސްޕޯޓްސް ވާދަކުރިއިރު، ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން މާލޭ ވެޓެރަންސް މޮޅުވީ އަށް ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން މާލޭ ވެޓްރަންސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 128 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 51 ބޯޅައިން 50 ލަނޑު ހެދު ހަސަން ހާޒިގު ރަޝީދާއި 17 ބޯޅައިން 36 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ.

ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެން އަރައި 18.3 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 53 ބޯޅައިން 53 ލަނޑު ހެދި އަޝްކަރު ހުސެއިނާއި 29 ބޯޅައިން 27 ލަނޑު ހަމަކުރި ޗަންދަނާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ބޯލަރާ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ވެޓްރަންސްގެ ސަވިންްރާ މަންޖޫއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮމެޓްސް ކްރިކެޓް ކުލަބުގެ އަލީ ރާފިލް ރައޫފެވެ.

މި މެޗަށްފަހު މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ބޭއްވިއިރު، އެ ރަސްމިއްޔާތުގައި ނެސްލޭ މައިލޯގެ ރާއްޖޭގެ ހެޑް ދިޝާން ވިޖެޔަވަރްދެނާ އާއި ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް އަދި ހިންގާ ކޮމިޓީގެ މެންބަރު އަޙްމަދު ކަލީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ ފަރާތުން ވަނީ ކްރިކެޓް ކުރިއެރުވުމަށް ދިޝާން ކޮށްދީފައިވާ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން އޭނާއަށް ފިލައެއް އަރުވާފައެވެ.

- ކޮމެންޓް