ރަމަޟާން މަހަށް ރާއްޖެއަށް އިމްޕޯޓްކޮށްފައި ހުރި ކާބޯތަކެތި ކަސްޓަމްސް އިން ކްލިޔާކޮށް ނިންމާލައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ އަބްދުރައްޒާގު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް އިމްޕޯޓްކޮށްފައިހުރި ހުރިހާ ޕެރިޝެބްލް (ހަލާކުވާ ޒާތުގެ ކާބޯތަކެތި) މުދަލެއް ކްލިޔާ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ބާޒާރުގަ ތަކެތީގެ އަގު ބޮޑުވަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ހަލީމް ވިދާޅުވެފައި ވެއެވެ.
މެއި 26 ވަނަ ދުވަހު އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ރާއްޖެ ގެންނަ ކާބޯތަކެތީގެ މުދާ ފަސޭހަކަމާއެކު ކުލިއަރކުރާނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ރަމަޟާންމަހަކީ އާދަޔާ ޚިލާފަށް ކާބޯތަކެތީގެ ބާވަތްތައް ބޭރުން އެތެރެކުރާ ދުވަސްވަރަކަށް ވުމާއެކު، ވިޔަފާރިވެރިންނަށް ފަސޭހަކަމާ އެކު މުދާ ކުލިއަރކޮށްދިނުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
މި ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އެމްޕީއެލްގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަމަށް ޙަލީމް ވިދާޅުވިއެވެ. މިއަހަރުގެ ރަމަޟާންމަހު ކާބޯތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ކުރަމުންދާ މަސައްކަތުގައި މިނިސްޓްރީން ބުނީ މަޤްބޫލް ސަބަބެއް ނެތި މި ރަމަޟާންމަހު ތަކެތީގެ އަގު ބޮޑުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.