ކ. މާލެ
|
22 ޖެނުއަރީ 2022 | ހޮނިހިރު 09:37
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
ތެލުގެ އަގު ބޮޑުވުން
މިފްކޯއިންވެސް ޑީސަލްގެ އަގު ބޮޑުކޮށްފި
މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 12.08 ރުފިޔާއަށް
އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.26 ރުފިޔާއަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާއެކު, މިހާރު މަސް ދޯނިތަކަށް އެކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 12.08 ރުފިޔާއަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.26 ރުފިޔާއަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އެފަހަރުގެ ބަދަލުތަކާއެކު މިއަދާހަމައަށް މަސްވެރިންނަށް މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.03 ރުފިޔާއަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19 ރުފިޔާއަށެވެ.

މިފްކޯއިން ޑީސަލްގެ އަގު ބޮޑުކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު އަދަދަކަށް ބޮޑުވުމާގުޅިގެންނެވެ. މިފްކޯއިން ޑީސަލްގެ އަގު ބޮޑުކޮށްފައި ވާއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުންވެސް ވަނީ ތެލުގެ އަގު ހުކުރު ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.

އެފްއެސްއެމުން ތެލުގެ އަގު ބޮޑުކުރުމާއެކު މިހާރު ޑީސަލް ލީޓަރެއް ލިބެންހުރީ 12.44 ރުފިޔާއަށެވެ. އަދި އެފްއެސްއެމުން ޕެޓްރޯލް ވިއްކަމުން އަންނަނީ ލީޓަރެއް 12.06 ރުފިޔާގެ ރޭޓުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 87.35 ޑޮލަރު (1،346ރ)ގައެވެ. މިއީ މި އަހަރު ފެށުނު އިރު ހުރި އަގާ އަޅައިބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް