އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ މުބާރާތުން ކަޓައިފިއެވެ.
ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އީގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އަލްޖީރިއާ ބަލިވީ އައިވަރީ ކޯސްޓް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 22 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކެސިއޭއެވެ. އަދި މެޗުގެ 39 ވަނަ މިނެޓުގައި އިބްރާހިމާ ސަންގާރޭ ވަނީ އައިވަރީ ކޯސްޓަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ނުވަވަނަ މިނެޓުގައި އައިވަރީ ކޯސްޓްގެ ތިންވަނަ ލަނޑު ޖަހައިދިނީ ނިކޮލަސް ޕެޕޭއެވެ.
އޭގެ ފަހުން އަލްޖީރިއާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން ރިޔާދު މާރޭޒް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޯފިއަން ބަންޑޭބްކާއެވެ.
މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ހަތް ޕޮއިންޓް ހަމަކުރި އައިވަރީ ކޯސްޓެވެ. ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ހޯދީ ހަ ޕޮއިންޓް ހޯދި އިކުއޭޓްރަލް ގިނީއެވެ. ތިންވަނައިގައި އޮތް ސިއެރަ ލިއޯނަށް ދެ ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް އަލްޖީރިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ބުރާސްފަތި ދުވަހުގެރޭގެ މެޗުތަކަށްފަހު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ބުރްކީނާ ފާސޯ، ގެބޮން، ނައިޖީރިއާ، ސެނެގާލް، ގިނީ، ކެމަރޫން، މޮރޮކޯ، މިސްރު، އައިވަރީ ކޯސްޓް، އިކުއޭޓްރަލް ގިނީ، ކޭޕް ވާޑޭ އަދި މަލާވީއެވެ.