ސްޕެނިޝް ކަޕުގެ ގަދަ 16 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މުބާރާތުން ކެޓިއިރު، ފަހު ވަގުތު އެލްޗޭ އަތުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ ބަލިވީ ބިލްބާއޯ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި އިކާ މުނިއައީން ވަނީ ބިލްބާއޯއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 20 ވަނަ މިނެޓުގައި ބާސާއިން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. މިއީ މި މަހު މެންޗެސްޓާ ސިޓީ ދޫކޮށް ބާސާއަށް ބަދަލުވި ފަހުން ޓޮރޭސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މެޗުގައި ބިލްބާއޯއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އިނީގޯ މާޓީނޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕެޑްރީ ވަނީ ބާސާއަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ. އެއާއެކު ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މުނިއައީން ވަނީ ލަނޑެއް ޖަހައި، މި މެޗުން ބިލްބާއޯ މޮޅުކޮށްދީފައެވެ.
މި ނަތީޖާއާއެކު މިފަހަރު ސްޕެނިޝް ކަޕުން އެންމެ ފަހުގެ ޗެމްޕިއަން ބާސާ ކެޓިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ބާސާއިން ވަނީ މިހާތަނަށް 31 ފަހަރު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ގަދަ 16 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ އެލްޗޭ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގެ ރެއާލުގެ މާސެލޯއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭގެ މިނެޓެއް ފަހުން އެލްޗޭއިން މެޗުގައި ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޫ ވާޑޫއެވެ.
އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ރެއާލުން ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އިސްކޯ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ރެއާލް މޮޅުވީ މެޗުގެ ފަހު މިނެޓުގައި އެޑެން ހަޒާޑް ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ރެއާލް ދަތުރުކުރިއިރު، ކުއާޓާގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ.