އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރިކޯޑެއް ހެދިއިރު، ފަހު ވަގުތު ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ ފަސްވަނައަށް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ބްރެންޓްފޯޑް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ރަށުން ބޭރުގައި އެންމެ ފުރަތަމަ 300 މޮޅު ހަމަކުރި ޓީމަށެވެ.
އަނިޔާގެ ސަަބަބުން ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ނުފެނުނު އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ކުޅުނު ނަމަވެސް، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ޔުނައިޓެޑުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ފްރެންޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އެންތަނީ އެލަންގާއެވެ.
އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ފުޅާކުރިއިރު، ކައުންޓަ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އިވާން ޓޯނޭއެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 21 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަވަނައިގައި އޮތް އާސެނަލަށްވެސް 35 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިހާތަނަށް ކުޅެފައިވަނީ 20 މެޗެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ބްރެންޓްފޯޑް އޮތީ ތާވަލުގެ 14 ވަނައިގައި 22 މެޗުން 23 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ފަސްވަނައަށް ޖެހިލި ޓޮޓެންހަމް މޮޅުވީ ލެސްޓާ އަތުން ފަހު ވަގުތު 3-2 ގެ ނަތީޖާއަކުންނެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޕެޓްސަން ޑާކާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލެސްޓާއިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 76 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ސްޓީވެން ބާގްވައިން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބާގްވައިން ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ޓޮޓެންހަމް މޮޅުކޮށްދީފައެވެ.
މި މޮޅާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. އެގޮތުން 22 މެޗުން 37 ޕޮއިންޓާއެކު ހަތަރުވަނައިގައި ވެސްޓް ހޭމް އޮތްއިރު، ޓޮޓެންހަމް ފަސްވަނައަށް ޖެހިލީ 19 މެޗުން 36 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ 10 ވަނައިގައި 19 މެޗުން 25 ޕޮއިންޓާއެކުއެވެ.