އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށްފަހު، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް މޮރޮކޯ އާއި ސެނެގާލުން ހޯދައިފިއެވެ.
ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މޮރޮކޯ ވަނީ ގަބޮންއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މި މެޗު ފަށައިގެން ގަބޮންއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ހުސް ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިމް އެލެވީނާއެވެ. އޭގެ ފަހުން މޮރޮކޯއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސޯފިއާން ބޫފަލްއެވެ.
ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ގަބޮން އިން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑަކީ މޮރޮކޯގެ ނައިފް އަގުއާޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މޮރޮކޯއިން އަނެއްކާވެސް ނަތީޖާ އެއްވަރުކުރިއިރު، ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ.
މި ނަތީޖާއާއެކު ދެވަނަ ބުރަށް މޮރޮކޯ ދަތުރުކޮށްފައިވަނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން މޮރޮކޯއަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަބޮން ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މީގެ އިތުރުން ގްރޫޕް ބީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސެނެގާލް ވަނީ މަލާވީއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެއާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގިނީ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް މަލާވީއަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޖުމްލަ ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. ދެން ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށެވެ.