މޯލްޑިވިއަނުން އިތުރު ތިން މަތިންދާ ބޯޓެއް ގަންނަން ފްރާންސް އަދި އިޓަލީގެ ހިއްސާ އޮންނަ އޭޓީއާރް ކުންފުންޏާއެކު އެއްބަސްވެއްޖެއެވެ.
އަލަން ގެންނަނީ އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓާއި އޭޓިއާރް 600-42ގެ އެއް ބޯޓެވެ. މި އެއްބަސްވުމަށްފަހު މޯލްޑިވިއަނުން ބުނީ މި ބޯޓުތަކަކީ ތެލުގެ ޚަރަދުކުޑަ ބޯޓުތަކެއް ކަމަށެވެ. އެއީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާއި އަޅާ ބަލާއިރު ތިން އިންސައްތަ ތެލުގެ ހަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭޓީއާރު އާއެކު ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް ދިވެހިންނާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލާއި ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މިކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ, އޭ.ޓީ.އާރު އާއެކު މިވެވުނު އެއްބަސްވުމަކީ ކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އައު އިންޖީނާއެކު އޭ.ޓީ.އާރުން މިއުފައްދާ ބޯޓުތަކަކީ މޯލްޑިވިއަންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށެވެ. މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޚަރަދުކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް ކަމަށް މިހާދު ވިދާޅުވިއެވެ.
އޭ.ޓީ.އާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސްޓެފާނޯ ބޯރޓޮލީ ވިދާޅުވީ އޭ.ޓީ.އާރު އާއިލާއަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީވަރަށް އުފާވެރި ކަމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައިވެސް އެއާރލައިންތަކުން ކުރިމަގަށް މަސައްކަތްކުރަމުންދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަޤުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް ކަަމަށެވެ. އޭ.ޓީ.އާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައިވާނެ ކަމަށެވެ.