ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 15:40
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާއިން ކުޅުނު މެޗެއްގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާއިން ކުޅުނު މެޗެއްގެ ތެރެއިން
އެފްއޭއެމް
އޭއެފްސީ ކަޕް
ކޮލިފައިންގައި ވެލެންސިއާ އާއި ޕަރޯ އެފްސީގެ ކުރިމަތިލުމެއް
މި ފަހަރު ކޮލިފައިން ބުރު ކުޅެން ހަމަޖެހިފައިވަނީ އެއް ލެގަށް
ޕަރޯ އާއި ވެލެންސިއާގެ މެޗު ކުޅޭނީ އޭޕްރީލް ފަސްވަނަ ދުވަހު

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު ވެލެންސިއާ އާއި ބޫޓާނުގެ ޕަރޯ އެފްސީ ވާދަކުރަން ޖެހިއްޖެއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖޭން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ވެލެންސިއާއެވެ. ދެން ކޮލިފައިންގައި ހިމެނެނީ ޕަރޯ އާއި ލަންކާ ސުޕަ ލީގުގެ ޗެމްޕިއަން ބްލޫ ސްޓާ އަދި ނޭޕާލުގެ އޭ ޑިވިޝަން ލީގުގެ ޗެމްޕިއަން މަޗިންދުރަ އެފްސީއެވެ.

އޭއެފްސީ ކަޕުގެ ގުރުއަތުލުން ހޯމަ ދުވަހު ކުރިއަށްދިޔައިރު، ޕަރޯއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހަށެވެ. އެ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި ވެލެންސިއާ ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފް ބުރުގައި ވެލެންސިއާ ކުޅެން ޖެހޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ މަޗިންދުރަ އާއި ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާއެވެ. އެ މެޗު ކުޅެން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހަށެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިން މެޗުތައް ރޭވިފައިވާ ގޮތް

މީގެ ކުރިން ކޮލިފައިން ކޮންމެ ބުރެއްގައި ހޯމް އެންޑް އަވޭ ދެ ލެގު ކުޅޭ ގޮތަށް އޮތް ނަމަވެސް، މި ފަހަރު ކޮލިފައިން ބުރު ކުޅެން ހަމަޖެހިފައިވަނީ އެއް ލެގަށެވެ. އެއީ މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން ސެންޓްރަލައިޒްކޮށްގެން މުބާރާތް ކުރިއަށްގެންދަން ޖެހުމާ ގުޅިގެންނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ވެލެންސިއާ ވާދަކުރާއިރު، އެ ޓީމުން އެންމެ ފަހުން އޭއެފްސީ ކަޕުގައި ކުޅެފައިވަނީ 2017 ވަނަ އަހަރުގެ ކޮލިފައިންގައެވެ. އެ ފަހަރު ކޮލިފައިން ފުރަތަމަ ބުރުގައި ވެލެންސިއާ ކުޅުނީ ބޫޓާނުގެ ތިމްޕޫ ސިޓީއާއެވެ. އެ ފަހަރު ތިމްޕޫ ކަޓުވާލުމަށްފަހު ޕްލޭއޮފް ބުރަށް ވެލެންސިއާ ދަތުރުކުރި ނަމަވެސް، ޕްލޭއޮފުގައި އިންޑިއާގެ މޯހަން ބަގާން އަތުން ވެލެންސިއާ ވަނީ ކަޓާފައެވެ.

- ކޮމެންޓް