ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 16:28
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރާއްޖެއެމްވީ
ރިޕޯޓް: ފިލްމު ރިވިއު
ދިވެހި ފިލްމު "އޮޅުވާލި އިންތިޚާބު 2"
 
މުޅިން އައު ޙަޤީގަތްތަކެއް
 
"އީސީ ޝަރީފް" ކުރިން ނުދައްކާ ވާހަކަތައް
 
ބޭނުންކުރި "އާލާތް" ތަކުގެ އަނެއް ފަރާތް

ނޯޓް:މިއީ ރަސްމީކޮށް ރިލީސް ނުކުރާ، އެކަމަކުވެސް ގިނަބަޔަކު ބަލާފައިވާ ފިލްމެއްގެ ޚުލާސާ ރިވިއުއެކެވެ. އަދި ޙަޤީގީ މަންޒަރުތަކާއި އަޑުތައް ގިނަ ފިލްމެކެވެ. ކޮންމެ ފިލްމަކީވެސް ހަޤީގީ ދިރިއުޅުންތަކަކާއި ގުޅުންހުރި އެއްޗަކަށްވާއިރު މިފިލްމުގެ މިރިވިއުގައިވާ ވާހަކަތަކަކީވެސް ބައެއްގެ ހަޤީގީ ދިރިއުޅުމާއި ގުޅުންހުރި އެއްޗަކަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ ބޮޑު އިއްތިފާގެކެވެ.  

މާ ބާރުގަދަ ރައީސަކު އޭނާގެ ފުރަތަމަ ދައުރު ނިންމައި ދެވަނަ ދައުރަކަށް ފައިނަގައެވެ. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިއަކީ ސީދާ އޭނާއެވެ. ނަމެއްގައި ޤާނޫނަކާއި "މިނިވަން" ކަމެއް އޮތްނަމަވެސް އެކަމެއް އޮންނަނީ ފޮތުގައި އަޅާލާފައި އޮންނަ އެއްޗެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ބޮޑެތި ޕްރޮޖެކްޓްތައް އިންތިހާއަށް ބޮޑު އަގުތަކުގައި ހިންގައި، އަމިއްލަ އެކައުންޓަށް އެތައް ފައިސާއެއް ވައްދާކަން ޤައުމުގެ އެންމެނަށް އެނގެއެވެ. އަދި އެކަމަށްޓަކައި މާ ބާރުގަދަ ވަޒީރަކު ބަހައްޓައިގެން އޭނާއަށް އެކަން ކުރެވޭނޭ އެންމެހާ މަގުތައް މަޖިލީސް ތެރެއިން ކޮށައިދީފައި އޮވެއެވެ. އެކަމާ ދެކޮޅަށް އަމުރެއް ނެރެދީފާނެހެން ހީވާ ހައި ކޯޓުގެ ފަނޑިޔާރުންނަށާއި މުއައްސަސާތަކުގެ ވެރިންނަށް ލަގްޒަރީ ފްލެޓްތައް ބަހާލައެވެ.

ރައީސާއެއްވަރަކަށް، ނޫންނަމަ އޭނާއަށްވުރެ މާނުފޫޒް ގަދަކޮށް ހަރަކާތްތެރިވާތީ ފެންނަނީ އޭނާގެ އަންހެނުންނެވެ. ގޮންޑިކޮއްކޮއެއްހެން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންކޮޅު ގެންގުޅެނީ އޭނާއެވެ. ރައްޔިތުންނަށް ވާވައްދަން "ހެޔޮއެދޭ ޖަމްއިއްޔާއެއް" ހިންގާއިރު، އެކަމަށް ފައިނޭންސް ކުރުވަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. ނަމުގައި އަމިއްލަ މަސައްކަތުގެ ގޮތުގައި އޮތަސް، ވެންމަސް ވެނަށް ކާންދޭ އުސޫލުން ކަންކުރަނީ ރައްޔިތުންގެ ފައިސާއިންނެވެ.

ދެވަނަ ދައުރުގެ އިންތިޚާބަށް ދޮންވަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަން ނަގާ މުށުތެރެއަށްލައެވެ. ސީދާ އެކޮމިޝަންގެ ރައީސަކަށް ލަނީ އެންމެ ގާތް އެކުވެރިއެވެ. ވޯޓުލެވޭ އެންމެންގެ ރަޖިސްޓްރީއާ ކުޅެވޭވަރަށް ސީދާ ރައީސްގެ ގެކޮޅުގެ ސަރވަރއާ އެލިސްޓާ ގުޅުވާލައެވެ. މީހަކު ކިޔާފާނޭ އެއްޗަކަށް ބަލާލުމެއްނެތި ދައުލަތާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތައް ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިކޮށްލައެވެ. ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ އިންޒާރާއެކު ކެމްޕެއިން އިވެންޓްތަކުގެ ބައިބޯކޮށްލައެވެ. މަސައްކަތެއް ނެތި މުއްސަނދިކޮށް އުޅޭ ޒުވާންކުދިންގެ ހަރަކާތްތައް ނުހަނު ގިނަކޮށްލައެވެ. އެވަރުންވެސް ނުވެގެން އިދިކޮޅު ގިނަ ވެރިން ބަންދުކޮށް އިދިކޮޅުގެ ކެމްޕެއިން ނުހިންގޭވަރަށް ބާރު ހިންގާލައެވެ.

މިވަރުންވެސް އިންތިޚާބު ކާމިޔާބު ނެވެދާނެއޭ ހިތައި، އިންތިޚާބު އޮޅުވާލުމުގެ ހަރަކާތްތަކެއްވެސް ހިންގައެވެ. އައިޑީކާޑުތައް ހަދައި ދިނުމާއި ފޮށިތައް ދޮށުގައި ބޭނުންކުރާނޭ ޚާއްޞަ އައިޕެޑް ހޯދުމާއި ފާހަގަ ބަދަލުކޮށްލެވޭވަރުގެ ޓެރޭނިންއާއެކު ޒާތެއްގެ އަނގޮޓިތަކެއްވެސް ގެނެއެވެ. އިންތިޚާބުގެ ކުރިން ނަތީޖާ ކަނޑައަޅައި މޮޅުވީތީ އުފާފާޅުކުރުމުގެ ހަރަކާތްތައްވެސް ރާވައެވެ. އެކަމުގައި އެންމެބޮޑު ދައުރެއް ޙަވާލުކޮށްފައި އޮންނަނީ ދައުލަތުގެ ޓީވީއާއެވެ. އެކަމަށް ޚާއްޞަ ޔުނިޓެއް އެތާއެތެރޭ ވަކިން ހަދައި ތަފާތު ލަވަޔާއި މަންޒަރުތައް ތައްޔާރުކޮށް މޮޅުވީތީ ރައްޔިތުންގެ ފަރާތުން ތައުރީފްކޮށް ސަނާކިއުމުގެ އިންތިޒާމްތައް ފުރިހަމައަށް ރާވާލައެވެ. އަދި ބަލިވި އިދިކޮޅު ކެނޑިޑޭޓާއި އިދިކޮޅު ޓީމަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރެވޭނޭ ކާޓޫނުތަކާއި އެޑިޓް ފޮޓޯއާއި ވީޑިއޯ ތައްޔާރު ކުރެވެއެވެ. އިންތިޚާބުގެ ވޯޓުލުން ފެށެން 12 ގަޑިއެއްހާއިރު ވާންވާއިރަށް އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭން އޮފީހަށްވެސް ފުލް ގިޔަރުގައި ފުލުހުންވެސް ވައްދައި ބޮޑު އޮޕަރޭޝަނެއް ހިންގައެވެ.

އިންތިޚާބުގެ ވޯޓު ނަގަން ފަށައެވެ. ދުރާލާ ގިނަބަޔަކު ވޯޓުލާ މަރުކަޒުތަކުގައި ކިޔޫ ހަދައެވެ. އިސާހިތަކު ބާރު ބޮޑުވެ، ވޯޓުފޮށިތައް ދޮށުގައި ލިސްޓް ބަލަހައްޓަން ގެންގުޅުނު އައިޕެޑްތައް ފެއިލްވެ މެނުއަލްކޮށް ބަލަހައްޓަން ފަށައެވެ. ވެރިކަން ބަދަލުކުރަން ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް ނުކުމެ މެންދުރުވާންވާއިރަށް ވޯޓުފޮށިތައް ފުރާލައިފިއެވެ.

އިންތިޚާބުގެ ނަތީޖާތައް އިއުލާން ކުރަން ފެށުނެވެ. ޤައުމީ ޓީވީން ނަތީޖާ ގެނެސްދޭން ޝައުގެއް ނެތި އުފާފާޅުކުރަން ތައްޔާރުވަމުން ދިޔަނަމަވެސް ރަށްރަށުގެ ވޯޓުފޮށިތައް ދޮށުން ސީދާ ލައިވްކޮށް އަމިއްލަ ޓީވީތަކުން ނަތީޖާތައް ރައްޔިތުންނަށް ހާމަކުރަން ފަށައިފިއެވެ. އިންތިޚާބުން ރައީސް ބަލިވެއްޖެކަން އެނގެން ފަށައިފިއެވެ. ރައީސްގެ ގެކޮޅުން އަންނަ ކޯލްތައް އިލެކްޝަންގެ ރައީސަކަށް ނަގާކަށް ނުކެރުނެވެ. އެއަށްވުރެވެސް ތަފާތު ބޮޑުވާތަން ފާޅުގައި ފެންނާން ފަށައިފިއެވެ. "އަންޓަޗަބްލް އޭ، ގިޔާމަތާ ޖެހެންދެންވެސް ވެރިކަމުގައި އޮންނާނަމޭ ބުނަމުން އައިމީހުން" ހެދުނިއްޔާ ހެދުނު އެއްޗެއް ހަދަން މަސައްކަތް ފަށައިފިއެވެ. މުޅިން އެހެންގޮތަކަށް އަނބުރާލެވޭތޯ ސަލާމަތީ ބާރުތަކުގެ ބޭނުން ހިފަންވެސް އުޅެފިއެވެ. ރައްޔިތުން ތިބިގޮތް ފެނިފައި އެވެރިން މަގުން ކަސިޔާރުވެ ރައީސް މީހާއަށް އިމުން ބޭރުން ކަންކޮށްދޭކަށް އާނބަހެއް ނުދިނެވެ. ދެން ފެންނަނީ ކުދިންކޮޅެއް ނެރެގެން އިންތިޚާބު އޮޅުވާލިއްޔޭ ބުނެ ގޮވަން ފަށާ މަންޒަރެވެ. ފާހަގަ ވެއްޓުނު ވާހަކައާއި މައްޗަށް އަރާ ވާހަކަ ރޮއެރޮއެފައި ދައްކައެވެ. ރީތި ރާގު ރާގަށް ކޮމިޝަން ރައީސަށްވެސް ގޮވާ ނަގައެވެ.

ވޯޓުން ބަލިވީމާ ދެން ވަންނަނީ ކޯޓަށެވެ. އޭރު ކޯޓު އޮންނަނީ ކުރިންތިބި ފަނޑިޔާރުން ދަމާ ގެންގޮސް ހުރަގެއަށްލާ މުޅިން އެހެން ބަޔަކު ލާފައެވެ. އެހެންކަމުން ރައީސް ބޭނުންވާ ގޮތައް ކޯޓުން އިންތިޚާބު ބާތިލް ކުރާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްބުނެ ކޯޓު ދޮށުގައި ފޯރިނަގައެވެ.

ކޮންމެއަކަސް ފިލްމު ނިމެނީ އެރައީސަށް ކާމިޔާބު ނުލިބިއެވެ. ކޯޓުންވެސް ރައްޔިތުންގެ ވޯޓު ބަލައިގަނެއެވެ. އަދި އިންތިޚާބު ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ކޯޓުން ހުކުމް ކުރެއެވެ. ފިލްމު ނިމެނީ ސުޕްރީމް ކޯޓުން އެކުރާ ހުކުމާ އެއްގޮތައް އިންތިޚާބު ކާމިޔާބު ކުރި އިދިކޮޅު ކެނޑިޑޭޓް ހުވާކޮށްގެންނެވެ.

އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްގެން ހެދި މިފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ފިލްމު ބެލި ބައެއް މީހުން ތިއޭޓަރުން ނުކުމެ ބުނީ މި ފިލްމުގައި ރައީސަކަށް ހުރެ އިންތިޚާބުގައި ވާދަކޮށް ބޮޑުތަނުން ބަލިވި ކެންޑިޑޭޓުގެ އަމަލްތައް އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުން ބަލިވި ޓްރަމްޕުގެ އަމަލްތަކާ ވަރަށް ވައްތަރު ކަމަށެވެ. އަދި އެބައި ކުޅެލާ ގޮތްވެސް ވަރަށް ކުޅަދާނަ ކަމަށާއި އެކްޓިންގ ހަމަ ތަފާތު ކަމަށެވެ.

މިފިލްމުގެ ކާމިޔާބަށް ބަލާފައި މީގެ ދެވަނަ ފިލްމެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މިފަހަރުގެ ފިލްމު ތެރެއިން މުޅިން ތަފާތު ހާދިސާ ތަކަކާއި މަންޒަރުތަކެއް އަދި އެއިންތިޚާބު އޮޅުވާލާ ކާމިޔާބު ކުރުމަށް އޭރުގެ ސަރުކާރުގައި ތިބެގެން ވާދަކުރި ކެންޑިޑޭޓާއި އޭނާގެ ބައިވެރިން ކުރި ކަންކަމުގެ އިތުރު ހަޤީގަތްތައް ހާމަވާނެއެވެ. އޭގެ ތެރޭގައި އަނގޮޓިއާއި ޓެބްލެޓްތަކުގެ ހަޤީގަތާއި އެކަންކުރަން ރޭވިފައި އޮތްގޮތްތަކުގެ ބައެއް ހަޤީގަތްތައް މިފަހަރުގެ ފިލްމުން ފެނިގެން ދާނެކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އެފިލްމުން މަޝްހޫރުވެގެންދިޔަ "އީސީ ޝަރީފް" ގެ ރޯލް މިފަހަރު ވަރަށް ތަފާތުވާނެކަމަށް ފިލްމު ދިރާސާކުރާ މީހުން ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
29%
0%
0%
0%
7%
64%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!