ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 11:23
އަލްޖީރިއާ އާއި އިކުއޭޓްރަލް ގިނީ ބައްދަލުކުރި މެޗުގެ ތެރެއިން
އަލްޖީރިއާ އާއި އިކުއޭޓްރަލް ގިނީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
ޗެމްޕިއަން އަލްޖީރިއާގެ ރިކޯޑު ނިމުމަކަށް
އަލްޖީރިއާ ބަލިވީ އިކުއޭޓްރަލް ގިނީ އަތުން 1-0 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އިކުއޭޓްރަލް ގިނީ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް ނިމުން އަތުވެއްޖެއެވެ.

ކެމަރޫނޫގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އީގައި ކުޅުނު މެޗުން އަލްޖީރިއާ ބަލިވީ އިކުއޭޓްރަލް ގިނީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އަލްޖީރިއާއިން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް 35 މެޗަށްފަހު ވަނީ ނިމުން އައިސްފައެވެ. އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރިން އަލްޖީރިއާ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިކުއޭޓްރަލް ގިނީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މިރާންޑާ ބޮއާޗޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެސްޓަބަން އޮބިއާންއެވެ.

މި މެޗުން ޗެމްޕިއަން އަލްޖީރިއާ ބަލިވިއިރު، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސިއެރަ ލިއޯނާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މީގެ އިތުރުން ގްރޫޕް އީގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސިއެރަ ލިއޯނުން ވަނީ އައިވަރީ ކޯސްޓާ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އައިވަރީ ކޯސްޓެވެ. ދެވަނައިގައި އޮތް އިކުއޭޓްރަލް ގިނީއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިކުއޭޓްރަލް ސިއެރަ ލިއޯނަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް އަލްޖީރިއާއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

- ކޮމެންޓް