ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 10:59
އެޓަލާންޓާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
އެޓަލާންޓާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އެޓަލާންޓާއިން ޗެމްޕިއަން އިންޓައާ އެއްވަރުކޮށްފި
 
އެޓަލާންޓާ އާއި އިންޓަ އެއްވަރުވީ ލަނޑެއް ނުޖެހި
 
ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ 50 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެޓަލާންޓާއިން ޗެމްޕިއަން އިންޓަ މިލާނާ އެއްވަރުކޮށްފިއެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި ނަތީޖާއާއެކު އިންޓައިން ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ވަނީ އަށް މެޗަށް ފަހު ނިމުން އައިސްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުގެ އެޑިން ޒެކޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން އެ ޓީމުގެ އަލެކްސިސް ސަންޗޭޒަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އެޓަލާންޓާގެ ގޯލްކީޕަރު ޖުއާން މޫސޯ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެޓަލާންޓާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ މަޓެއޯ ޕެސީނާ އޭރިއާ ތެރެއިން ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ކައުންޓަ އެޓޭކެއްގައި އެޓަލާންޓާގެ ލުއިސް މުރިއޭލް ފޮނުވާލި ހަމަލާއެއްވެސް ހަންޑަނޮވިޗް ވަނީ ދިފާއުކޮށްފައެވެ.

މި ނަތިޖާއާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ކުޅުނު 21 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 21 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ނާޕޮލީ އޮތީ 21 މެޗުން 43 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި އޮތް އެޓަލަންޓާއަށް 21 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް