އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ބީގައި ސެނެގާލް އާއި ގިނީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ގްރޫޕް ސީގައި މޮރޮކޯ އިން ކެމޮރޮސް ބަލިކޮށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ގިނީ އާއި ދެކޮޅަށް ސެނެގާލުން ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށްވެސް ގޯލަށް ނުރައްކާކޮށް މާކަ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ސެނެގާލްގެ އިތުބާރު ފޯވާޑް މާނޭއަށް މި މެޗުގައި ރަނުގެ ދެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގިނީގެ ކީޕަރު އެލީ ކެއީޓާއެވެ.
މި މެޗު އެއްވަރު ވުމާއެކު ގިނީއިން ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސެނެގާލަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގިނީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސީގައި މޮރޮކޯ އާއި ކެމޮރޮސް ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މޮރޮކޯއިން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު އެ ޓީމުން ވަނީ ކެމޮރަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މޮރޮކާއަށް ލީޑު ނަގައިދިނީ ސެލީމް އަމާލާއެވެ. މި ލަނޑަށްފަހުވެސް މޮރޮކޯއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މޮރޮކޯގެ ފޯވާޑް އައްޔޫބް އެލް ކާބީއަށް ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގައި މޮރޮކޯއިން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަކަރިއްޔާ އަބޫޚާލް އެވެ.
މި ނަތީޖާއާއެކު މޮރޮކޯއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މޮރޮކޯއިން ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ބާކީ މެޗެއް އޮއްވައި މޮރޮކޯއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރެއިން އެ ޓީމަށް ކުރި ލިބޭތީއެވެ. ދެވަނައިގައި އޮތް ގެބޮންއަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ.