އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެއެވެ. މި އަހަރުގެ މެއި މަހުގެ 26 ވީ ހުކުރު ދުވަހު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ، އިންޑިއާގެ ގުޖްރާތު ސްޓޭޓްގެ ހުޅަނގުގައި އޮންނަ އަހްމަދުއާބާދު ސިޓީ އިން ޒިކާ ވައިރަސްގެ ތިން ކޭސް ފެނިފައިވާ ކަން އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ގުޖްރާތު ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޒިކާ ވައިރަސްގެ ކޭސްތައް ރިޕޯޓުކޮށްފައި ވަނީ އަހްމަދުއާބާދުގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި 2016 ގެ ނޮވެމްބަރާއި އަދި 2017 ގެ ފެބްރުއަރީގައި ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ބުނީ އިންޑިއާ އިން ޒިކާ ވައިރަސްގެ ކޭސްތައް، އެ ޖަމިއްޔާ އަށް ރިޕޯޓުކޮށްފައި ވަނީ މޭ 15 ގައި ކަމަށެވެ. އިންޑިއާ އިން ޒިކާ ވައިރަސް ފެނުމާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ތިން މީހުން ގައިން ޒިކާ ވައިރަސް ފެނުނީ އާންމުކޮށް ކުރިއަށް ގެންދާ ލޭގެ ޓެސްޓްތައް ކުރުމުގެ ތެރެއިން ކަމަށެވެ.
ޒިކާ ވައިރަސް ބައްޔާއި، އުފަންވާއިރު ބޮޑެތި އައިބުތައް ހުންނަ ހުރުމާއި ގުޅުމެއް ވެއެވެ. ދުނިޔޭގެ 30 ގައުމެއްގައި މިކަން ވަނީ ފާހަގަވެފައެެވެ. ޒިކާ ވައިރަސް އާއި މައިކްރޯސެފަލީއާ ގުޅުމެއްވާއިރު، މައިކްރޯސެފަލީ ކޮންޑިޝަންގައި އުފަންވާ ކުދިންގެ ބޯ އާދަޔާ ހިލާފަށް ކުޑައެވެ. އަދި ސިކުނޑި ތަރައްގީވުމުގައި ވެސް ހުރަސްތައް ދިމާވެއެވެ. ޒިކާ ވައިރަސް ބޮޑަށް ފެތުރެނީ މަދިރީގެ ޒަރީއާއިން ކަމަށްވާއިރު، ޒިިކާ ވައިރަސް ޖިންސީ ގުޅުމުގެ ޒަރީއާ އިން ވެސް ފެތުރެއެވެ.
ރަސްމީ ގޮތުން ނައިޖީރިއާގައި ޒިކާ ވައިރަސް ރަޖިސްޓްރީ ކުރުމުގެ ކުރިން އިންޑިއާ އިން އެ ބަލި ފެނިފައި ވެއެވެ. އެކަމަކު އެއީ ވަރަށް ކުރިއެވެ. 1953 ގައި ޝާއިއު ކުރި ދިރާސާ ކަރުދާހެއްގައި ބުނެފައި ވަނީ "ފާހަގަ ކުރެވޭ ވަރަށް އިންޑިއާގައި ޒިކާ ވައިރަސް އަށް މީހުން ހުށަހެޅިފައިވާ ކަމަށެެވެ." އޭރު ޒިކާ ވައިރަސް އަށް ޓެސްޓް ކުރެވުނު 196 މީހުންގެ ތެރެއިން 33 މީހުން ގައިގައި އިމިއުނިޓީ ނުވަތަ ބަލިން ދިފާއުވާ އެންޓި ބޮޑީސް ހުރި ކަމަށެވެ.
އޭގެ 60 އަހަރު ފަހުން، ދާދިފަހުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބަޔާނެއްގައި ބުނީ އިންޑިއާގެ ދެ އަންހެނަކާއި އަދި ފިރިހެނަކަށް ޒިކާ ވައިރަސް ޖެހިފައިވާ ކަމަށެވެ. އެއީ އުމުރުން 22 އަހަރާއި އަދި 34 އަހަރުގެ އަންހެނުންނެވެ. ފިރިހެން މީހާގެ އުމުރަކީ 64 އަހަރެވެ.
އިންޑިއާ އިން ޒިކާ ވައިރަސް ފެނުނަސް، ގައުމުގެ އޮފިޝަލުން ތިބީ ވަރަށް ހަމަޖެހިފައެވެ. އާދިއްތަ ދުވަހު އިންޑިއާގެ ހެލްތު އޮފިޝަލުން ވިދާޅުވީ ޒިކާ ވައިރަސް ފެނުނު ތިން މީހުންގެ ބަލި މިހާރު ފަސޭހަ ވެފައިވާ ކަމަށާއި އެއްވެސް ބަޔަކު ބިރު ގަންނަން ނުޖެހޭ ކަމަށެވެ. އާދިއްތަ ދުވަހު އިންޑިއާގެ ގުޖްރާތު ސްޓޭޓުގެ ޗީފް ސެކްރެޓަރީ ޖޭއެން ސިންގް ވިދާޅުވީ ޒިކާ ވައިރަސްގެ ކޭސްތައް އިތުރުވަމުން ނުދާތީ "ސަރުކާރުން ގަސްތުގައި އާންމުންނާ ހިއްސާ ނުކުރީ ކަމަށެވެ."
އިންޑިއާ ސަރުކާރުގެ ބަސްމަގު މިގޮތަށް ހުއްޓަސް މިނިވަން ސިއްހީ ޕަބްލިކް ހެލްތު އޮފިޝަލުންނާއި އަދި ދިރާސާކުރާ ފާރާތްތަކުން ވަނީ، ޒިކާ ވައިރަސްގެ ކޭސްތައް މުއައްސަސާތަކަށް އެނގުމާއެކު އާންމުންނަށް އެކަން އަންގާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފާޑު ކިޔާފައެވެ. އެގޮތުން ނިއު ދިއްލީގެ ޖަވަހަރްލާލް ނެހްރޫ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރަޖީބް ދޭސްގުޕްތާ ވިދާޅުވީ މިއީ އިންޑިއާގެ ޕަބްލިކް ހެލްތުގެ ތާރީޚުގައި އަދި ހިނގާފައި ނުވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކަންކުރި ގޮތުން ވަރަށް އުނދަގޫ ވެއްޖެ ކަމަށާއި އަދި ސަރުކާރުން ކަންކުރި ގޮތަށް ބަލާއިރު ވަރަށް ގިނަ އުސޫލީ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. ރައްޔިތުންނަށް ކަންކަމުގައި އިތުބާރު ދޭން ޖެހޭނެ ކަމަށާއި ރައްޔިތުންނަށް މިފަދަ ކަމެއްގެ މައުލޫމާތު، ރައްޔިތުންގެ ތެރޭގައި ބިރު ނުއުފެދޭ ގޮތަށް ހިއްސާ ކުރެވިދާނެ ކަމަށެވެ.
ސަރުކާރުން ޒިކާ ވައިރަސްގެ މައްސަލާގައި ދޮގު ހަދަނީއޭ ބުނާ ފަރާތްތަކުން ދައްކާ ވަރަށް ބޮޑު ހެއްކެއް ވެސް އެބައޮތެވެ. މިއަހަރުގެ މާޗް 17 ގައި އިންޑިއާ ސަރުކާރުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޖޫނިއާ ހެލްތު މިނިސްޓަރު އަނޫޕްރިއާ ޕަޓޭލް ވިދާޅުވީ "ޖެނުއަރީ 2017 ގައި ލެބޯޓަރީގައި އާންމުކޮށް ކުރިއަށް ގެންދާ ޓެސްޓްތަކުގައި މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ޒިކާ ވައިރަސްގެ އެންމެ ކޭސްއެއް ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސަރުކާރުން ހަދަނީ ދޮގު ކަމަށާއި ސަބަބަކީ ޒިކާ ވައިރަސްގެ ތިން ވަނަ އަދި އެންމެ ފަހު ކޭސް ރިޕޯޓުކޮށްފައި ވަނީ ނުވަތަ ޑިޓެކްޓް ކޮށްފައި ވަނީ ޖެނުއަރީގައި ކަމަށް ވުން ކަމަށެވެ.
ޖޫނިއާ ހެލްތު މިނިސްޓަަރުގެ ބަސްފުޅު ދިފާއު ކުރައްވަމުން ސަރުކާރުގެ ހެލްތު އޮފިޝަލަކު ފަހުން ވިދާޅުވެފައި ވަނީ ޒިކާ ވައިރަސްގެ ދެ ކޭސް އެއް ޓެސްޓު ކުރުމަށްޓަކައި ޖެނުއަރީގައި ނެގުނު ކަމަށާއި އަދި ތިން ވަަނަ ކޭސް ނެގިފައި ވަނީ ފެބްރުއަރީގައި ކަަމަށެވެ. އަދި ޖޫނިއާ ހެލްތު މިނިސްޓަރު ގާނޫނު ހަދާ މަޖިލީހުގައި ޒިކާ ވައިރަސްއާ ބެހޭ ގޮތުން ސުވާލަށް ޖަވާބު ދެއްވިއިރު ޔަގީންކޮށް އެނގިފައި ވަނީ އެންމެ ކޭސްއެއް ކަމަށެވެ.
މިހާތަނަށް އިންޑިއާގައި ޒިކާ އަށް، އިންސާނުން ގައިން 34،000 ސާމްޕަލް އަދި 12،647 މަދިރީގެ ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.
ކޮންމެ އަކަސް އިންޑިއާ އިން ޒިކާ ވައިރަސްގެ ފުރަތަމަ ކޭސްތައް ސިއްރު ކޮށްފިއެވެ. ކަން އެ އޮތީ އެގޮތަށް ހިނގާފައެެެވެ. ފާޑު ކިޔާ ފަރާތްތަކުން ކުރަމުން ދާ ސުވާލެއް ވެސް އެބައޮތެވެ. ޗައިނާގައި 2003 ގައި ނިއުމޯނިއާގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ސާސް ފެތުރުނު އަސްލު މިންވަރު، އެގައުމުން "ސިއްރު ކުރި ކަމަށް" ތުހުމަތު ކުރެވުނެވެ. އަނެއްކާ ޒިކާ ވައިރަސް އިންޑިއާގައި އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީތޯ މިވަނީ ސުވާލު އުފެދިފައެވެ.