ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 18:30
އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ށ ފުނަދޫގައި
އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ށ ފުނަދޫގައި
ޓްވިޓަރ/ޕީޕީއެމް
އިންޑިޔާ އައުޓް ކެމްޕެއިން
ހުރިހާ ކަމެއް ހިނގަނީ އިންޑިޔާގެ ނުފޫޒުންކަމަށް ވިދާޅުވާއިރު އިންޑިޔާ އައުޓް ކެމްޕެއިން ނުހުއްޓުވޭ؟
 
އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވަން މާބޮޑުކަމެއް ކުރާތަނެއް ނުފެނޭ
 
ހުރިހާ ކަމަކަށް އިންޑިޔާއިން ނުފޫޒުފޯރުވާ ކަމަށް ޔާމީން ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުހުކުމުން މިނިވަންވެވަޑައިގެންނެވި ފަހުން އެންމެ ފޯރީގައި ކުރައްވާ ކަމަކީ އިންޑިޔާ އައުޓް ކެމްޕެއިނެވެ. އިންޑިޔާގެ ނުފޫޒު ރާއްޖެއަށް މާގަދައީ ކަމަށާއި އިންޑިޔާގެ އަސްކަރިއްޔާ ރާއްޖެއިން ފައިބަންޖެހޭ ކަމަށް ވިދާޅުވެ އިންޑިޔާ އައުޓްގެ ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިން ވަނީ ރާއްޖޭގެ އެކިރަށްތަކަށްވެސް ފުޅާވެފައެވެ. ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިޔަށްގެންދަވާ ކެމްޕެއިން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނާވެސް ގުޅި ލާމެހިފައެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް މުހިންމުވަނީ އިންޑިޔާގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރުމަށްކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ރައީސް ޔާމީން އެދާއިރާއަށް ވަޑައިގަންނަވާކަން ޕީޕީއެމުން ހާމަކުރުމާއެކު ދެން ހާމަކުރީ އެދަތުރުފުޅުގައިވެސް އިންޑިޔާ އައުޓް ކެމްޕެއިން ކުރިޔަށްގެންދާނެކަމެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިންކުރެއްވުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައިވެސް ބަހުގެ ހަމަލާތަކެއް ވަނީ އިންޑިޔާއަށް އަމާޒުކުރައްވާފައެވެ. އޭގެފަހުން ދެން ވަޑައިގެންނެވީ ސީދާ އިންޑިޔާ އައުޓް ކެމްޕެއިންކުރެއްވުމަށް އެއަތޮޅު ފުނަދޫއަށެވެ. އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން ރަސްމީކޮށް އިންޑިޔާ އައުޓް ކެމްޕެއިން ހިންގެވުމަށް ވަޑައިގެންނެވި ފުނަދޫއަކީ ޕީޕީއެމްގެ ސަޕޯޓަރުން ގިނަ ރަށެކެވެ. ނަމަވެސް ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެންނެވިއިރު ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ދައްކަން މިއުޅެނީ އަދި މޮނިޓަރިންގައި އޮތް ރަށަކަށް ވަޑައިގެން ގިނަ ބަޔަކު އެއްކުރައްވާ ކުރިޔަށްގެންދެވި އިންޑިޔާ އައުޓް ހަރަކާތުގެ ވާހަކައެއް ނޫނެވެ. މިކެމްޕެއިންގައި މައިގަނޑު ގޮތެއްގައި އެމަނިކުފާނު ރައްޔިތުންނަށް ވިސްނަވައިދެއްވަމުން ގެންދެވީ މިސަރުކާރަށް އިންޑިޔާގެ ނުފޫޒު ފޯރުވާ މިންވަރެވެ. މިސަރުކާރަށް އެއްވެސް ކަމެއް އިންޑިޔާގެ ނުފޫޒެއް ނެތި ނުވާކަމެވެ.

އެއާއެކު ދެން އުފެދުނީ ބޮޑު ސުވާލެވެ. ހީވާގޮތުން އެސުވާލުގެ ޖަވާބުވެސް އެމަނިކުފާނު އަމިއްލަ ފުޅަށް ވަރަށް އަވަހަށް ދެއްވާނެއެވެ. އެއީ ކުރީގެ ރައީސަކު އިސްވެ ހުންނަވާ އިންޑިޔާ އައުޓް ކެމްޕެއިން ކުރިޔަށްގެންދަވާތީ އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާތީއެވެ. ފެންނަނީ ޚިޔާލުފާޅުކުރުމާއި ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން މިހައްގުތައް ތަންމިނަށް ހުޅުވާލާފައިވާ މަންޒަރެވެ. އެހައްގު ބޭނުން ކުރައްވައިގެން ކުރީގެ ވެރިއަކު ގައުމަކާއި ދެކޮޅަށް ކުރިޔަށްގެންދަވާ މިހަރަކާތުގައި ދިވެހި ސަރުކާރަށް ބަޔާން ނެރުން ފިޔަވައި ކުރެވުނު މާބޮޑު ކަމެއް ފެންނާކަށްނެތެވެ. ރާއްޖެއާ އެންމެ އަވަށްޓެރި އަދި ޒަމާންވީ ގާތް ރަހުމަތްތެރި ގައުމެއް ކަމުގައިވާ އިންޑިޔާއާ ދެކޮޅަށް ކުރީގެ ވެރިއަކު އިސްވެ ހުންނަވާ ކުރިޔަށްގެންދަވާ ހަރަކާތުގެ ސަބަބުން އެކަމުގެ ގެއްލުން ރާއްޖެއަށް ކުރަމުންދާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އިންޑިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ބޭސް ފަރުވާއާ އެހެނިހެން ބޭނުންތަކަށް އައިސްގޮސްވާ ގައުމެކެވެ. އަދި އެތައް ބަޔަކު މިހާރުވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެހެންކަމަށްވާއިރު އެފަދަ ކެމްޕެއިނެއްގެ އަސަރު އެމީހުންނަށް ކުރަމުންދާ ކަމަށް މިހާރުވެސް އިންޑިޔާގައި އުޅެމުން އަންނަ ދިވެހިން އަންނަނީ ބުނަމުންނެވެ.

އެހުރިހާ ކަމެއް އެހެން އޮތްއިރު އިންޑިޔާގެ ނުފޫޒު ރާއްޖެއަށް އެހާ ގަދައިރު ރައީސް ޔާމީން އިސްވެ ހުންނަވާ އެހާ ފުޅާކަން ބޮޑުގޮތެއްގައި އިންޑިޔާ އައުޓް ކެމްޕެއިން ހިންގެވުމުގެ ފުރުސަތު އިންޑިޔާއިން ދެނީހެއްޔެވެ؟ ރައީސް ޔާމީން ވިދާޅުވާ ގޮތުންނަމަ އިންޑިޔާގެ ނުފޫޒު ނުފޯރާ އެއްވެސް ކަމެއް ރާއްޖެއަަކު ނެތެވެ. ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ އިންޑިޔާއިން ބުނެގެން ބުނިގޮތަކަށް އަޅާ ފިޔަވަޅެކެވެ. އެހެންކަމަށްވާއިރު އިންޑިޔާގެ ނަމަށް ހުތުރުވާގޮތަށް އަދި ދުނިޔޭގެ ބޮޑު ޑިމޮކްރަސީއަކާއި ދެކޮޅަށް އެހާފާޅުކަން ބޮޑު ގޮތެއްގައި ކުރީގެ ވެރިއަކު ކަންކަން ކުރައްވާއިރު އެކަންކަން ނުހުއްޓުވާ އިންޑިޔާ އޮންނަނީ ކީއްވެހެއްޔެވެ؟ އެވިދާޅުވާ ނުފޫޒު އޮންނަނަމަ އެކަންކަން ހުއްޓުވަންވީ ނޫންހެއްޔެވެ؟

ހަމަގައިމުވެސް ރައީސް ޔާމީންގެ ސަރުކާރެއްގައި ބަޔަކު ގައުމަކާ ދެކޮޅަށް އެގޮތަށް ނިކުމެއްޖެނަމަ ދެން ވާނެގޮތް ހިތަށް ތަސައްވަރުކޮށްލަންވެސް އުނދަގުލެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ފާފުއަތޮޅުގެ ބައެއް ސައުދީންނަށް ދޭން އުޅުއްވުމުން ސޭވް ފާފުގެ ނަމުގައި ކުރިޔަށްގެންދަން އުޅުނު ކެމްޕެއިނަށް ވީގޮތް ހަނދާނުގައި އަދިވެސް ހުރީމައެވެ. ސޭވް ފާފުގެ ލޯގޯގެ ސަބަބުން އެކުވެރި ގައުމުތަކުގެ ކުރިމަތީގައި ރާއްޖެ ބަދުނާމުވާތީ އެލޯގޯ ބޭނުންކުރުން މަނާވިއެވެ. އެލޯގޯ ޕްރިންޓްކުރުން މަނާވެ ޕްރިންޓްކުރި ޕްރިންޓަރ ކުށްވެރިވާ ހިސާބަށްވެސް ކަންކަންދިޔައެވެ. އެހުރިހާ އެއްޗެއް ދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. ނަމަވެސް މިއަދު އަމިއްލަފުޅަށް އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓެއްގައި މިނިވަންކަމާއެކު ކެމްޕެއިން ކުރިޔަށްގެންދަވަނީއެވެ. ކެމްޕެއިންގައި ހުރިހާ ކަމަކަށް އިންޑިޔާއިން ނުފޫޒުފޯރުވާ ކަމަށް ވިދާޅުވެ އިންޑިޔާއިން ނުރުހުންނުވާގޮތަކަށް މިސަރުކާރެއް ކަމެއްނުކުރެވެއޭ ވިދާޅުވާއިރު އެމަނިކުފާނު މިނިވަންކަމާއެކު ހަމަ އިންޑިޔާއާ ދެކޮޅަށް ކެމްޕެއިން ކުރައްވަނީއެވެ. އެކަން ހުއްޓުވަން އެވިދާޅުވާ އިންޑިޔާގެ ނުފޫޒުން މިސަރުކާރުން ކަމެއް ކުރާތަނެއްވެސް ނުފެނެއެވެ.

މިވަނީ ކީއްހެއްޔެވެ؟ ރައީސް ޔާމީން އެވިދާޅުވާ ނުފޫޒު ހަމަ އޮތީހެއްޔެވެ؟ ނޫނީ ނެތް އެއްޗެއް އޮތްކަމަށް ދައްކަވައިގެން އަމިއްލަފުޅު އެދުންފުޅެއް ހާސިލުކުރައްވަނީ ހެއްޔެވެ؟ އެހެން ވިސްނަން މަޖުބޫރުވަނީ ތަކުރާރުކޮށް 2018 ވަނަ އަހަރުގެ ކެމްޕެއިނަށް އިންޑިޔާއިން ނުފޫޒުފޯރުވިކަމަށާއި ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް އިންޑިޔާއިން ނުފޫޒުފޯރުވާނެކަމަށް ވިދާޅުވަމުން ގެންދަވާތީއެވެ. 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނަށް ނޫނެކޭ ބުނުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިހާތަނަށް ހިނގި އެންމެ ހިތްދަތިކަންތައްކަން އެއީ މިހާރު ކަށަވަރު ކަމެކެވެ. އަބަދާއި އަބަދު 2018ގެ އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފައްދަވާ އިންތިޚާބީ ނިޒާމާމެދު ޝައްކުއުފެދޭ ނަޒަރިއްޔާއިން ވާހަކަދައްކަވާނީ އެހެންވީމަތާއެވެ. ނަމަވެސް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއެއް ގަބޫލުފުޅު ނުކުރެއްވެމުން ގައުމަކާ ދެކޮޅަށް މިހާބޮޑަށް ނިކުންނެވުން އެއީ އަދި ބުއްދިވެރި ކަމެއްގެ ގޮތުގައިވެސް ނުވެދާނެއެވެ. ބައިނަލްއަގްވާމީ މުޖުތަމައުގައި ކަންކަން ބައްޓަން ވަމުން އަންނަ ގޮތަށްބަލާއިރު އެކަމުގެ ނޭދެވޭ އަސަރު ދޭދޭ ގައުމުތަކުގެ ގުޅުމަށް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ރާއްޖެއާ މެދު އެހެން ގައުމުތަކުން ދެކޭގޮތް ތަފާތުވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް