ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 05:44
ހިންދީންގެ އެތައް ހާސް ބަޔަކު އަޅުކަން އަދާކުރުމަށް ޖަމާވެފައި
ހިންދީންގެ އެތައް ހާސް ބަޔަކު އަޅުކަން އަދާކުރުމަށް ޖަމާވެފައި
ރޮއިޓަރސް
އިންޑިޔާގެ ކޮވިޑް-19ގެ ހާލަތު
ކޮވިޑް ކޭސްތައް 30 ގުނަ މައްޗަށް ޖެހިފައިވަނިކޮށް އިންޑިޔާގެ އެތައް މިލިޔަން ހިންދީން ޖަމްނާ ކޯރަށް
އޮފިޝަލުން ބުނާގޮތުގައި މިއީދާ ދިމާކޮށް ތިން މިލިއަން މީހުން އެސަރަހައްދަށް އެއްވާނެ
ކުރިޔަށް އޮތް 47 ދުވަހު އެތައް މިލިއަން ބަޔަކު ޖަމްނާކޯރަށް ޖަމާވާއިރު މަސް ދުވަސް ވަންދެން އެސަރަހައްދުގައި މަޑުކުރާނެ

އިންޑިޔާގައި ކޮވިޑް-19ގެ ކޭސްތައް ފާއިތުވި އެއް މަހުގެ ތެރޭގައި 30 ގުނަ އިތުރުވެފައިވަނިކޮށް ހިންދީންގެ އެތައް މިލިޔަން ބަޔަކު ދީނީ އަޅުކަން އަދާކުރުމަށް ޖަމްނާ ކޯރުގެ އައްސޭރިއަށް އެއްވެއްޖެއެވެ.

ހިންދީން ގަބޫލުކުރާގޮތުގައި މިކޯރަށް އެރި އަޅުކަން ކުރުމުން ފާފަތައް ފުހެވިގެންދާނެއެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ މި މުނާސަބަތާއި ގުޅުވައި އެތައް މިލިޔަން ހިންދީން ވަނީ ކޯރުގެ އައްސޭރިއަށް ޖަމާވެފައެވެ. މިކޯރަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު މަހާރަޝްތުރާ ސްޓޭޓަކީ މިވަގުތު އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކުރަމުން އަންނަ އެއް ސްޓޭޓެވެ.

އޮފިޝަލުން ބުނާގޮތުގައި މި އީދާ ދިމާކޮށް ތިން މިލިއަން މީހުން އެސަރަހައްދަށް އެއްވާނެއެވެ. މި އަޅުކަމުގައި ބައިވެރިވާ ގިނަ ބަޔަކު ތިބެނީ މާސްކު ނާޅައެވެ. ކުރިޔަށް އޮތް 47 ދުވަހު އެތައް މިލިއަން ބަޔަކު އެސަރަހައްދަށް ޖަމާވާއިރު އެތައް ބަޔަކު މަސް ދުވަސްވަންދެން އެސަރަހައްދުގައި މަޑުކުރާނެއެވެ.

މިއާއެކު އިންޑިޔާގައި މިހާރުވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ކުރިޔަށް އޮތްތަނުގައި އިތުރަށް ހާލަތު ގޯސްވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. މިހާރުވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ 77 ފުލުހުންނާއި ސާފުކުރުމުގައި ހަރަކާތްތެރިވާ 12 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއީދުގެ ހަރަކާތްތައް ކެންސަލްކުރުމަށް އުއްތަރު ޕްރަދޭޝްގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ލޯޔަރެއްކަމުގައިވާ އުތްކާޝް މިޝްރާ ބުނެފައިވަނީ ސަރުކާރުން އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ތާކަށް އެއްވުމުގެ ފުރުސަތު ދީގެންނުވާނެކަމަށެވެ. ވަކިން ޚާއްސަކޮށް ފާއިތުވި ދެ އަހަރުވެސް މިއަޅުކަން އަދާކުރުމަށް އެތައް ހާސް ބަޔަކު އެއްވުމާއި ގުޅިގެން އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާކަން އެނާ ވަނީ ފާހަގަކޮށްފައެވެ.

އުއްތަރު ޕްރަދޭޝްގެ ސިއްހީ އޮފިޝަލުންވެސް ވަނީ މިއީދުގެ ކަންކަން ކެންސަލްކުރުމަށް އެދިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ހަރަކާތްތައް ކުރިޔަށްގެންދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ ސަރުކާރު ވަނީ ހިންދީން ރުޅި އަތުވެދާނެތީ މިއީދުގެ ހަރަކާތްތައް ހުއްޓުވުމަށް ނުކުޅެދިފައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް