އެފްރިކާ ކަޕް އޮފް ނޭޝަންސް ގައި އިތިއޮޕިއާ ބަލިކޮށް ކެމަރޫންއިން ދެވަނަ ބުރު ކަށަވަރުކޮށްފިއެވެ.
ކެމަރޫންގައި ކުރިޔަށްދާ މި މުބާރާތުގެ ދެވަނަ މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އިތިއޮޕިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ހޮޓޭސާ ޑާވާއެވެ. އެކަމަކު މެޗުގެ އަށްވަނަ މިނެޓުގައި ކެމަރޫންއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލް ޓޯކޯ އެކަމްބީއެވެ.
ދެވަނަ ހާފު ފަށައިގެން ކެމަރޫންއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު މެޗުގެ 53 އާއި 55 ވަނަ މިނެޓުގައި ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު ވަނީ އެ ޓީމަށް ލަނޑު ޖަހައިފައެވެ. އަދި ކެމަރޫންއިން ކާމިޔާބުކުރި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެކަމްބީއެވެ.
މި މޮޅާއެކު ކެމަރޫންއިން ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބްރްކީނާ ފާސޯ އާއި ތިންވަނައިގައި އޮތް ކޭޕް ވާޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އިތިއޮޕިއާއިން އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ބާކީ މެޗެއް އޮއްވައި ކެމަރޫންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނައަށް ދާ ޓީމުތަކުގެ ރޭންކިން އިން އެ ޓީމު ހޮވޭނެކަން ޔަގީންވުމާއިއެކުގައެވެ.