ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 11:51
އިޓާލިއަން ސުޕަ ކަޕުގެ ތައްޓާއެކު އިންޓަގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިޓާލިއަން ސުޕަ ކަޕުގެ ތައްޓާއެކު އިންޓަގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސުޕަ ކަޕް
ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އިންޓައަށް
މިއީ އިންޓައިން ސުޕަ ކަޕުގެ ތަށި އުފުލާލި ހަވަނަ ފަހަރު
އިންޓަ މޮޅުވީ ޔުވެންޓަސް އަތުން 2-1 ގެ ނަތީޖާއަކުން

ޔުވެންތަސް ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

އިޓަލީގެ މަޝްހޫރު ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޓަ މޮޅުވީ ޔުވެންޓަސް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު އިންޓައިން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އިންޓައިން ސުޕަ ކަޕުގެ ތަށި އުފުލާލި ހަވަނަ ފަހަރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ 25 ވަަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސްޓަން މެކެނީއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ލަޓާރޯ މާޓިނޭޒް ވަނީ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އިންޓަގެ އެޑިން ޒެކޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންޓަ މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ދެވަަނަ ހާފުގެވެސް ފަހު މިނެޓުގައެވެ. މަޓެއޯ ޑާމިއާން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެވެ.

މި ފަހަރުގެ އިޓާލިއަން ސުޕަ ކަޕުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމަކީ މި މެޗު އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އެގޮތުން މިހާތަނަށް ޔުވެންޓަސްއިން ވަނީ ނުވަ ފަހަރު އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް