ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 11:28
ނައިޖީރިއާ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން
ނައިޖީރިއާ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
ނައިޖީރިއާ އަތުން މިސްރު ބަލިވިއިރު، ޗެމްޕިއަން އަލްޖީރިއާ އެއްވަރު
އަލްޖީރިއާ އާއި ސިއެރަ ލިއޯނާ އެއްވަރުވީ ލަނޑެއް ނުޖެހި
މިސްރު ބަލިވީ ނައިޖީރިއާ އަތުން 1-0 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ ކާމިޔާބު ޓީމު މިސްރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނައިޖީރިއާ އަތުން ބަލިވިއިރު، ސިއެރަ ލިއޯނާއިން އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ މޮޅުވިޔަނުދީ ހުއްޓުވައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މިސްރު ބަލިވީ ނައިޖީރިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ޑީގައި ކުޅުނު މި މެޗު ފަށައިގެން މިސްރުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނައިޖީރިއާގެ ހާފަށް ބާރުބޮޑު ކުރި ނަމަވެސް، އެ ޓީމަށް ނައިޖީރިއާގެ ގޯލަށް ނުރައްކާކޮށް މާކަ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެއާއެކު މެޗުގެ 30 ވަނަ މިނެޓުގައި ނައިޖީރިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކެލެޗީ އިހެނާޗޯއެވެ.

މި ލަނޑަށްފަހުވެސް ނައިޖީރިއާއިން ކައުންޓަ އެޓޭކުތަކުގައި މިސްރުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝަނާވީއެވެ.

މި މެޗުން މިސްރު ބަލިވިއިރު، އެ ގައުމު ހިމެނޭ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ދެން ކުޅުނު މެޗުގައި ބައްދަލުކުރީ ސޫދާނާއި ގިނީ-ބިސާއުއެވެ. އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އަލްޖީރިއާ އާއި ސިއެރަ ލިއޯން ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ އެއްވަރުވީ ސިއެރަ ލިއޯނާއާ ވާދަކޮށް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ގްރޫޕް އީގައި ކުޅުނު މި މެޗު ފަށައިގެން އަލްޖީރިއާއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، ސިއެރަ ލިއޯނާގެ ގޯލަށް އަލްޖީރިއާއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އަލްޖީރިއާގެ ކެޕްޓަން އަދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރިޔާދު މާރޭޒުގެ އިތުރުން ޔާސީން ބްރަހިމީ ފޮނުވާލި ބާރު ހަމަލާތައް ހުއްޓުވުމުގައި ސިއެރަ ލިއޯނާގެ ގޯލްކީޕަރު މުހައްމަދު ކަމަރާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ސިއެރަ ލިއޯނާ ވާދަކުރާއިރު، މިއީ 1996 ވަނަ އަހަރުގެ ފަހުން ސިއެރަ ލިއޯނާއިން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2000 ވަނަ އަހަރުވެސް ސިއެރަ ލިއޯނާއިން މި މުބާރާތައް ކޮލިފައިވިއެވެ. އެކަމަކު އެގައުމުގައި ހިގަމުންދިޔަ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ފަހަރުގެ މުބާރާތް ކުޅެވޭގޮތެއް ނުވިއެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތް ބޭއްވިއިރު ސިއެރަ ލިއޯނާ އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ.

- ކޮމެންޓް