އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެނެގާލް، ގިނީ އަދި މޮރޮކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެ މުހިންމު ދެ ކުޅުންތެރިން ނުލައި ހޯމަ ދުވަހުގެރޭ ޒިމްބާބްވޭއާ ދެކޮޅަށް ކުޅުނު މެޗުން ސެނެގާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެގޮތުން މި މެޗަށް ސެނެގާލުން ނުކުތީ ޗެލްސީއަށް ކުޅެމުން އަންނަ އިތުބާރު ގޯލްކީޕަރު އެޑޮއާޑް މެންޑީ އާއި ނާޕޮލީއަށް ކުޅެމުން އަންނަ ޑިފެންޑަރު ކަލީދޫ ކުލިބާލީ ނުލައެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސެނެގާލުން ކުޅުނުއިރު، މެޗުގައި ސެނަގާލުން ވަނީ ޒިމްބާބްވޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެކަމަކު މި ހަމަލާތަކުގެ ހުރަހަކަށްވީ ޒިމްބާބްވޭގެ ޑިފެންޑަރުންނެވެ. މެޗުގައި ސެނަގާލަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އިދްރީސާ ގާނާ ގޭއަށެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ސެނެގާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ސަޑިއޯ މާނޭއެވެ. މިއީ ޒިމްބާބްވޭގެ ހާފުގެ ތެރެއިން އެ ޓީމުގެ ކެލްވިން މަގްޒޯންޑްވޭ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއަކުން މާނޭ ކާމިޔާބުކުރި ލަނޑެކެވެ.
މީގެ އިތުރުން މި މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ގްރޫޕް ބީގައި ދެން ކުޅުނު މެޗުތަކުގެ ތެރެއިން ގިނީން ވަނީ 1-0 ގެ ނަތީޖާއަކުން މަލާވީ ބަލިކޮށްފައެވެ. އަދި މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ވަނީ ގްރޫޕް ސީގެ މެޗެއްވެސް ކުޅެފައެވެ. ގާނާ އާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި މޮރޮކޯއަށް ކާމިޔާބުކޮށްދިނީ ސޯފިއަން ބޫފާލެވެ.