ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 19:04
ކެމަރޫން އާއި ބުރްކީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ކެމަރޫން އާއި ބުރްކީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
ކެމަރޫން އާއި ކޭޕް ވާޑްއިން ފެށުން ރަނގަޅުކޮށްފި
އިތިއޮޕިއާގެ މައްޗަށް ކޭޕް ވާޑްއިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން
ބުރްކީނާ ފާސޯ އަތުން ކެމަރޫން މޮޅޫވީ 2-1 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކުޅުބު ފުރަތަމަ މެޗުން ކެމަރޫންއިން ފަހަތުން އަރައި ބުރްކީނާ ފާސޯ އަތުން މޮޅުވިއިރު، ކޭޕް ވާޑް އަތުން އިތޯޕިއާ ބަލިވިއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ކެމަރޫން އާއި ބުރްކީނަ ފާސޯ ބައްދަލުކުރި މެޗު ކެމަރޫން އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތް ބާއްވާ ގައުމު ކެމަރޫންއަށް މެޗު ފަށައިގެން މާކަ ރަނގަޅު ހަމަލާއެއް ބުރްކީނަ ފާސޯގެ ގޯލާ އަމާޒުކޮށް ފޮނުވައިލެވިފައިނުވާއިރު މެޗުގެ 24 ވަނަ މިނެޓުގައި ބުރްކީނަ ފާސޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގުސްޓާވޯ ސަންގާރޭއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެމަރޫންގެ ވިންސެންޓް އަބޫބަކާރް ވަނީ ލިބުނު ދެ ޕަނަލްޓީ ކާމިޔާބުކޮށް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

އިތިއޮޕިއާ އާއި ކޭޕް ވާޑް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

ގްރޫޕް އޭގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި އިތިއޮޕިއާގެ މައްޗަށް ކޭޕް ވާޑްއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ކޭޕް ވާޑްގެ ބައެއް ކުޅުންތެރިންނަށް މި މެޗު ކުޅެވިފައިނުވެއެވެ.

މެޗުގެ ވަރަށް ކުރީކޮޅު އިތިއޮޕިއާގެ ޑިފެންޑަރު ޔާޑް ބިޔޭ ބިލޭއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއީ ކޭޕް ވާޑްގެ ކުޅުންތެރިއަކަށް އޭނާ ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑެކެވެ. އެއާއިއެކު ކޭޕް ވާޑް އިން އިތިއޮޕިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު މި ހަމަލާތައް ހުއްޓުވުމުގައި އިތިއޮޕިއާގެ ކީޕަރު ޓެކްލެމެރިއަން ޝަންކޯ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޭޕް ވާޑަށް ކާމިޔާބު ކޮށްދިނީ ހޫލިއޯ ޓެވާރޭސްއެވެ.

- ކޮމެންޓް