އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ޓީމެއްގައި ކޮވިޑް-19 ކޭސްތައް އުޅުނު ނަމަވެސް، 11 ކުޅުންތެރިން ހަމަވާނަމަ އެ ޓީމަކުން މެޗު ކުޅެން ޖެހޭނެ ކަމަށް އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ، ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ކަނޑައަޅައިފިއެވެ.
އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ކަނޑައެޅި ގައިޑްލައިންގައިވާ ގޮތުން ކޮވިޑް ކޭސްތައް އުޅޭ ޓީމަކުން މެޗު ކުޅެވޭ 11 ކުޅުންތެރިން ހަމަވާ ހާލަތެއްގައި މެޗު ކުޅެން ޖެހޭނެއެވެ. އަދި 11 ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ގޯލްކީޕަރަކަށް ވިޔަސް މެޗު ކުޅެން ޖެހޭނެއެވެ. އަދި މެޗުގައި ވާދަނުކުރާން ނިންމާ ޓީމަކަށް 2-0 ގެ ނަތީޖާއަކުން މެޗު ގެއްލޭނެއެވެ.
އެ އިދާރާއިން އިތުރަށް ބުނީ ވަރަށް ހާއްސަ ހާލަތެއްގައި މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.
އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން މި ގައިޑްލައިން ހެދިއިރު، މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކުން ވަނީ ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައެވެ. އެގޮތުން ގެބޮންގެ ސްކޮޑުން ޕޮޒިޓިވްވި ކުޅުންތެރިންގެ ތެރޭގައި އާސެނަަލަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ޕިއޭ އެމަރިކް އޮބާމަޔަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ސެނެގޯލްގެ މުހިންމު ޑިފެންޑަރު ކަލީދޫ ކުލިބާލީ ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މިސްރާއި، ގިނީ އަދި ކޭޕް ވާޑޭގެ ޓީމުން ވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް އާދީއްތަ ދުވަހު ފަށާފައިވާއިރު މި މުބާރާތުގައި ކުޅުުނު ފުރަތަމަ މެޗުގައި ކެމަރޫން އާއި ބްރްކީނާ ފެސޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކެމަރޫންއެވެ. އަދި އާދީއްތަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި އިތިއޯޕިއާ އާއި ކޭޕް ވާޑް ބައްދަލުކުރިއިރު މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭޕް ވާޑްއެވެ.