ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 11:20
ބާޒާރުމަތި ފިހާރަތައް
ބާޒާރުމަތި ފިހާރަތައް
ރާއްޖެއެމްވީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ތިންކަމަކަށް ބަލާނެ
ގިންތިއެއްގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭނަމަ އެވިޔަފާރި ގިންތިކުރަން ބޭނުންކުރަނީ އެސްއެމްއީ ފޯމިއުލާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ގެންގުޅޭނެ އުސޫލު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އާންމުކޮށްފިއެވެ.

މި ގަވައިދުގެ ދަށުން ވިޔަފާރިތައް ގިންތިކުރުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އެންމެ ކުދި ވިޔަފާރި، ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ވިޔަފާރިތައް ގިންތި ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ތިން ކަމަކަށެވެ. އެއީ އެ ވިޔަފާރިއެއްގައި މުވައްޒަފުން ހިމެނޭ އަދަދަށާއި އަހަރަކަށް ލިބޭ ޖުމްލަ އާމްދަނީ އަދި އަހަރަކަށް ލިބޭ ފައިދާގެ މިންވަރަށެވެ.

މިނިސްޓްރީން ނެރުނު ގަވައިދުގައި ވާގޮތުން ގިންތިކޮށްފައިވާ ކުންފުނިތަކާއި ގިންތިކޮށްފައި ނުވާ ވިޔަފާރިތަކުގެ މައުލޫމާތު، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޝާއިއުކުރަން ޖެހޭނެއެވެ. ވިޔަފާރި ގިންތިކުރުމަށް ވިޔަފާރިއަކުން ބޭނުންވެއްޖެ ކޮންމެ އިރެއްގައި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި އެ ވިޔަފާރިއަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު އެއިން ގިންތިއެއްގައި ބަޔާންކުރާ މިންގަނޑަކަށް ނުފެތޭނަމަ އެވިޔަފާރި ގިންތިކުރަން ބޭނުންކުރަނީ އެސްއެމްއީ ފޯމިއުލާއެވެ. އޭގައި ބަލާނީ މުވައްޒަފުންގެ އަދަދުގެ 40 އިންސައްތައަށާއި ޖުމްލަ އާމްދަނީގެ 30 އިންސައްތައަށް އަދި ސާފު ފައިދާގެ 30 އިންސައްތައަށެވެ.

އެންމެ ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު: 0-5 މުވައްޒަފުން
  • ޖުމްލަ އާމްދަނީ: 500،000ރ.
  • ސާފު ފައިދާ: 75،000ރ.

ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު: 6-30 މުވައްޒަފުން
  • ޖުމްލަ އާމްދަނީ: 500،000ރ. އިން 5 މިލިއަން ރުފިޔާއާ ހަމައަށް
  • ސާފު ފައިދާ: 75،000ރ. އާއި 750،000ރ.އާ ދެމެދު

މެދު ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު: 30-100 މުވައްޒަފުން
  • ޖުމްލަ އާމްދަނީ: 5 މިލިއަން ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ދެމެދު
  • ސާފު ފައިދާ: 750،000ރ. އާއި 3 މިލިއަން ރުފިޔާއާ ދެމެދު
- ކޮމެންޓް