އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ އާސެނަލް ކެޓިއިރު، ލިވަޕޫލުން ޝްރޫސްބެރީ ޓައުން ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 21 ވަނަ މިނެޓުގައި އާސެނަލްގެ ގެބްރިއަލް މާޓެނަލީއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި އާސެނަލްގެ އެޓީ އިންކެތިއަހް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ދެވަނަ ހާފުގައި އާސެނަލުން އެޓީމުގެ އެޓޭކްތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެކަމަކު އާސެނަލުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ނޮޓިންހަމް ފޮރެސްޓުގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މި މެޗުގެ ލީޑު ނޮޓިންހަމް ފޮރެސްޓުން ނެގީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުވިސް ގްރަބަންއެވެ.
މީގެ އިތުރުން އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ޝްރޫސްބެރީ ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެމް ލިވަޕޫލުން ޝްރޫސްބެރީ ހާފުގެ ތެރެއަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ޝްރޫސްބެރީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއަލް އޫދޮހްއެވެ. އެކަމަކު މެޗުގެ 34 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކައިޑް ގޯޑަންއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްގެ ފަބީނިއޯ ވަނީ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޝްރޫސްބެރީގެ އީތަން އެބެންކްސް-ލެންޑަލް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން ޝްރޫސްބެރީގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު މެޗުގެ 78 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ވަނީ ލަނޑު ޖަހާ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.