ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދެއްގައި ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ފަރާތުގެ ވެސް އިހްމާލު އޮވެގެން ކަމަށް އެމްޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
އިކޮނޮމިކް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއަންނަ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގައި ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެކްސިޑެންޓް ހިނގި ވަގުތަކީ އެސަރަހައްދުގެ މޫސުން ވެސް ވަރަށް ގޯސް ވަގުތެއް ކަމަށެވެ. ކަނު އަނދިރީގައި ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗު ދުއްވާފައި ވަނީ ބާރު ސްޕީޑްގައި ކަމަށާއި ރީތިރަށް ރިސޯޓްކައިރިގައި އަޅާފައިއޮތް އުޅަނދުގައި ވެސް އެއްވެސް އަލިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެންސިޑެންޓް ހިނގި ވަގުތު ސަމަރ އައިލެންޑުން ދަތުރުކުރަމުންދިޔަ ލޯންޗްގައި ދަތުރުކޮށްފައި ވަނީ ކިތައް މީހުންކަން އެނގުނީ ވެސް ވަރަށް މަސައްކަތްކޮށް ވަރަށް އުދަނގުލުން ކަމަށް އޭނާ ވިދާޅުވިއެވެ. މި އެކްސިޑެންޓްގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރަމުންދިޔައިރުގައްޔާއި މީހުންނަށް ފަރުވާ ދެމުންދިޔައިރު ވެސް އެ ލޯންޗުން ދަތުރުކުރި މީހުންގެ އަދަދު ސާފުވާ ގޮތްނުވެ ދިގުލައިގެން ދިޔަ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވީ ކާބަފައިންގެ ޒަމާނަކީ މިހާރު މިހުންނަފަދަ ޒަމާނީ އަދި ޓެކްނޮލޮޖީ ވަސީލަތްތައް ހުރި ޒަމާނެއް ނޫން ކަމަށްވީ ނަމަވެސް ކަނޑުދަތުރުފަތުރު ކުރުމުގައި މިހާރަށްވުރެ، އޭރު ކާބަފައިންގެ ހޭލުންތެރިކަން ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.
މުހައްމަދު ވިދާޅުވީ މިހާރު ކަނޑުމަތީ ގިނަ ހަދިސާތައް ހިނގަނީ ޒިންމާދާރުވާންޖެހޭ ފަރާތްތައް ނިންމާދާރު ނުވެ، ފަރުވާ ކުޑަވުމުން ކަމަށެވެ.
އެއްވެސް އުޅަނދެއް ދުއްވަން އިންނަ މީހާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރު ސްޕީޑްގައި ދުއްވުމަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ އެންމެ ފުރަތަމަ ސަބަބު ކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ. އަދި ދަތުރަށް ފެށުމުގެކުރިން އުޅަނދުގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމާއި މޫސުމަށް ބެލުމަކީ ފަރުވާކުޑަކޮށްލައިގެންވާނެ ކަންކަން ނޫން ކަމަށް ވެސް ކޯސްޓްގާޑުން ބުނެއެވެ.
އަންގާރަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި 11 މީހަކަށް އޭޑީކޭގައި ފަރުވާ ދެމުންގެންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ދެ މީހުން އޮތީ ވެންޓިލޭޓަރުގައެވެ.