ޖަރުމަން ލީގުގައި މި އަހަރު ކުޅުނު ފުރަތަމަ މެޗުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވީ މޮންޗެންގްލަޑްބަކް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަޔާން ބަލިވިއިރު، އެ ޓީމުން މި މެޗާ ކުރިމަތިލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އަދި ބަޔާނުގެ ނުވަ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު، އެ ޓީމުން ވަނީ މި މެޗު ފަސްކުރަންވެސް މަސައްކަތްކޮށްފައެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބަޔާނުންނެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.
އޭގެ ފަހުން މޮންޗެންގްލަޑްބަކުން މި މެޗުގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ނެއުހައުސްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މޮންޗެންގްލަޑްބަކުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން ލައިނާއެވެ.
މި މެޗުން ބަޔާން ބަލިވިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ބަޔާން ބަލިވި ތިންވަނަ މެޗެވެ. މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 17 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.