އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސްވިންޑަން ޓައުން ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ސިޓީ މޮޅުވިއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މި މެޗުގައި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބައިވެރިވެފައެއް ނުވެއެވެ. އެއާއެކު މި މެޗުގައި ސިޓީއަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު ރޮޑޯލްފޯ ބޮރެލްއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މި މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ގަބްރިއެލް ޖެސޫސް ވަނީ ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ހިލޭ ޖެހުމަކުން އިލްކާއި ގުންޑޮގާން ކާމިޔާބުކޮށްދިންއިރު، މެޗުގެ 78 ވަނަ މިނެޓުގައި ސްވިންޑަންގެ ހެރީ މެކްކާޑީ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޒުވާން ތަރި ކޯލް ޕާމާ ވަނި ލަނޑެއް ޖަހައި، ސިޓީގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.
މި މޮޅާއެކު މި ސީޒަނުގެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ސިޓީ ދަތުރުކުރިއިރު، ހަތަރުވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ.