ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 16:16
މިލާނާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނަށް މޮޅެއް، ނާޕޮލީ އާއި ޔުވެންޓަސް އެއްވަރު
ރޯމާގެ މައްޗަށް މިލާނުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުން
ޔުވެންޓަސް އާއި ނާޕޮލީގެ ކުރިމަތިލުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ރޯމާ އަތުން އޭސީ މިލާން މޮޅުވިއިރު، ޔުވެންޓަސް އާއި ނާޕޮލީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރޯމާގެ މައްޗަށް މިލާނުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ އަށްވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. މިއީ އޭރިޔާ ތެރެއިން ރޯމާގެ ޓެމީ އަބްރަހަމް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މި ލަނޑަށްފަހުވެސް މިލާނުން ރޯމާގެ ގޯލަށް ނުރައްކާކުރިއިރު މެޗުގެ 17 ވަނަ މިނެޓުގައި މިލާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫނިއާ މެސިއަސްއެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ލޮރެންޒޯ ޕެލެގްރީނީގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ.

މެޗުގައި ރޯމާއަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 74 ވަނަ މިނެޓުގައި ރޯމާގެ ރިކް ކާސްޑޯޕަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ރޯމާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގާ މެޗުގެ 81 ވަނަ މިނެޓުގައި މިލާނުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. ރޯމާއިން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޖިއަންލޫކާ މަންޗިނީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ޔުވެންޓަސް އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ޔުވެންޓަސް އާއި ނާޕޮލީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގެ 23 ވަނަ މިނިޓްގައި މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުން ނާޕޮލީ އަށް ލީޑުނަގައިދިނީ ޑްރީސް މާޓެންސްއެވެ. ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޔުވެންޓަސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ.

މެޗުން މޮޅުވާން ނާޕޮލީގެ މާޓެންސް ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފައެވެ. ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި އޭރިއާބޭރުން ޖެހި ބޯޅަ ހުއްޓުވީ ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.

މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް އިންޓަ މިލާނާއި ދެވަނައިގައި އޮތް އޭސީ މިލާންގެ ދެމެދުގައި އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. އިންޓައަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް 20 މެޗުން 45 ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި ނާޕޮލީ އޮތީ 20 މެޗުން ލިބުނު 40 ޕޮއިންޓާއެކުގައެވެ.

- ކޮމެންޓް