ކ.މާފުށީގެ އެކި ސަރަހައްދުތަކުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާތީ އެމަސައްކަތް ހުއްޓާލުމަށް މާފުށީ ކައުންސިލުން އަންގައިފިއެވެ.
މާފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އާންމުން ދިރިއުޅޭ ގޭބީސީތަކާއި އިންވެގެންނާއި ރަށުގެ އެކި ސަރަޙައްދުތަކުގައި އެ ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ފައިބަރުގެ މަސައްކަތް ކުރަމުންދާ ކަަމުގެ ޝަކުވާ ދަނީ ލިބެމުންކަމަށެވެ.
އެހެންވެ މީހުން ދިރިއުޅޭ ނުވަތަ މީހުން ދިރިނޫޅޭ ތަނަކުން ބޭރުވާ ގޭސް، ދުމެއް ނުވަތަ ކެމިކަލް ފަދަ އާންމު ސިއްހަތަށް ނުރައްކާވާފަދަ ތަކެތި އެތަނެއްގެ ވަށައިގެންވާ މާހައުލުގައި ނުވަތަ މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުން ނުވަތަ އެފަދަ ކަމެއް ދިމާވުމުގެ ހާލަތެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާކަމަށެވެ.
ފައިބަރުފަދަ މަސައްކަތްކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ސަބަބުން އުފެދޭ ކެމިކަލް އާއި ކުނޑީގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރަމުންދާތީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އާންމުން އެއްވެ އުޅޭ ސަރަޙައްދުތަކުގައި ފައިބަރުގެ މަސައްކަތް ކުރުމަކީ މަނާކަމެއްކަމުގައި މާފުށީ ކައުންސިލުން ވަނީ އަންގާފައެވެ.