ސްޕެނިޝް ކަޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ތިންވަނަ ޑިވިޝަން ޓީމުތައް ބަލިކޮށް މުބާރާތުގެ ގަދަ 16 އަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ލިނާރެސް ޑިޕާޓިވޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ބާސާ ނުކުތީ މިދިޔަ ނޮވެމްބަރު މަހު ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ އަލުން ގުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް ޓީމުގައި ހިމަނައިގެންނެވެ. މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައިވަނީ ލިނާރެސްއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫގޯ ޑިއާޒެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބާސާއިން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާން ޑެމްބަލޭއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ނަގާާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޖަޓްލާއެވެ.
މީގެ އިތުރުން ސްޕެނިޝް ކަޕުގެ ގަދަ 16 އަށް ރެއާލް ދަތުރުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އަލްކޮޔާނޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗު ފަށައިގެން ރެއާލުން އަލްކޮޔާނޯ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑާ މިލިޓާއޯއެވެ. މި ލަނޑަށްފަހުވެސް ރެއާލަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ތަޖުރިބާކާރު ފޯވާޑް އެޑެން ހަޒާޑާއި ރޮޑްރިގޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އަލްކޮޔާނޯގެ ގޯލްކީޕަރު ހުއާން ހޯސޭއެވެ.
އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި އަލްކޮޔާނޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެގާއެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ރެއާލުން އަލުން ލީޑު ނެގިއިރު، ހަޒާޑްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރެއާލުން ލީޑު ފުޅާކުރިއިރު، މިއީ އަލްކޮޔާނޯގެ ގޯލްކީޕަރު ހުއާން ހޯސޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ނަތީޖާއާއެކު ސްޕެނިޝް ކަޕުގެ ގަދަ 16 އަށް ބާސާ އާއި ރެއާލް ދަތުރުކުރިއިރު، މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހެވެ.