ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 23:23
ސިންގަޕޫރުގައި މޯލަކަށް ވަނުމުގެ ކުރިން، ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރަނީ
ސިންގަޕޫރުގައި މޯލަކަށް ވަނުމުގެ ކުރިން، ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރަނީ
ރޮއިޓަރސް
ކޮވިޑް-19، ސިންގަޕޫރުގެ ހާލަތު
އޮމިކްރޯންއާއެކު ސިންގަޕޫރަށް ކޮވިޑްގެ ސަރޖެއް
އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން، އުމުރުން 18 އަހަރުން މަތީ އެންމެން ބޫސްޓަރ ޑޯޒް ޖަހަންވާނެކަމަށް
ފިހާރަތަކަށާއި ރެސްޓޯރެންޓްތަކަށް ވަދެވެނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް
ފާއިތުވި ހަފުތާގައި ސިންގަޕޫރުގައި ވަނީ 1281 އޮމިކްރޯން ކޭސް ފެނިފައި

ސިންގަޕޫރުގައި މިހާރު ފެންނަމުންދާ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތަކާއެކު ޑެލްޓާ ވޭރިއަންޓަށްވުރެ ބޮޑު ސަރޖެއް އެގައުމަށް އަންނާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއާއެކު ސިންގަޕޫރުން ވަނީ ބޫސްޓަރ ޑޯޒް ބޮޑެތި މީހުންނަށް ވަރަށް އަވަހަށް ޖަހަން ފަށާނެކަން ހާމަކޮށްފައެވެ. ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން، އުމުރުން 18 އަހަރުން މަތީ އެންމެން ވެކްސިންގެ ދެ ޑޯޒް ޖަހާތާ 270 ދުވަހުގެ ތެރޭގައި ބޫސްޓަރ ޑޯޒް ޖަހަންޖެހޭނެކަމަށެވެ. އެހެންނޫނީ ވެކްސިން ފުރިހަމަކުރި ކަމަށް ނުބެލެވޭނެކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

ސިންގަޕޫރުގައި ފިހާރަތަކަށާއި ރެސްޓޯރެންޓްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ފާއިތުވި ހަފުތާގައި ސިންގަޕޫރުގައި ވަނީ 1281 އޮމިކްރޯން ކޭސް ފެނިފައެވެ. މީގެތެރެއިން 1048 މީހުންނަނީ އެހެން ގައުމުތަކުން އެގައުމަށް އެތެރެވި މީހުންނެވެ. ފާއިތުވި ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަނީ 18 އިންސައްތަ އިތުރުވެފައެވެ.

ޑެލްޓާ ވޭރިއަންޓާއެކު، ޕީކުގައި ހުރި ދުވަސްވަރު އެންމެ ގިނައިން ދުވާލެއްގެ މައްޗަށް ފެނިފައިވަނީ 5000 ކޭހެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓްގައި އެއަދަދު 10،000 އާއި 15،000 ދެމެދު އުޅޭނެކަމަށް އެގައުމުން ވަނީ އަންދާޒާކޮށްފައެވެ.

ސިންގަޕޫރުގައި މިހާރުވެސް ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމުގައިވާ އިޖުތިމާއީ ގައިދުރުކަން ގެންގުޅުމާއި ފަސް މީހުންނަށްވުރެ އިތުރަށް އެއްވެ ނޫޅުމުގެ ކަންކަމަށް މިހާރުވެސް އަމަލުކުރަމުންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ކޭސްތައް އިތުރުވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް