"ބާހުބަލީ 2" އަކީ އެންމެ ފުރަތަމަ އިންޑިއާގެ ފިލްމަކަށް 1,500 ކުރޯޑް ރުޕީސް ލިބުނު ފިލްމެވެ. އަދި ފިލްމު އެޅުވިތާ ހަފްތާއެއް ނުވަނީސް 100 ކުރޯޑް އިންޑިއަން ރުޕީސް ލިބުނު އިންޑިއާގެ ފުރަތަމަ ފިލްމު ވެސް މެއެވެ.
އެހެން ނަމަވެސް 2016 ވަނަ އަހަރު ނިކުތް އާމިރު ޚާންގެ "ޑަންގަލް" ވަނީ މިހާރު "ބާހުބަލީ2" ގެ ރެކޯޑް މުގުރާފައެވެ. މިދިޔަ ހަފްތާ ނިމުނު އިރު ބޮކްސް އޮފީހުގެ އެންމެ ކުރީގައި "ބާހުބަލީ 2" އޮތުމަށްފަހު "ޑަންގަލް" ވަނީ އެ ފިލްމަށްވުރެ ކުރި ހޯދާފައެވެ.
މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ގިނަ ފައިސާ ލިބުނު ރެކޯޑް މިހާރު އޮތީ އާމިރުގެ "ޑަންގަލް" އަށެވެ. މުޅި ދުނިޔެއިން މި ފިލްމަށް މިހާރު ލިބިފައިވާ އަދަދު 1,665 ކްރޯޑު ރުޕީސް އަށް ވަނީ އަރާފައެވެ. "ބަހޫބަލީ 2" އޮތީ 1,633 ކްރޯޑު ރުޕީސް ހޯދައިގެން މި ލިސްޓުގެ ދެވަނައިގައެވެ.
އާމިރު ޚާންގެ "ޑަންގަލް" އަށް ވަނީ އިންޑިއާއިން ބޭރުން އެ ގައުމުގެ ފިލްމަކަށް އެންމެ ގިނަ އާމްދަނީގެ ރެކޯޑް ލިބުނު ފިލްމަކަށް ވެސް ވެފައެވެ. މެއި މަހުގެ 5 ވަނަ ދުވަހު ޗައިނާގައި "ޑަންގަލް" ރިލީޒްކުރުމާ އެކު އެ ފިލްމަށް ޗައިނާއިން އެކަނި ވެސް ވަނީ, 9,000 ސްކްރީނެއްގައި އަޅުވައި 900 ކުރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.
"ޑަންގަލް" ގެ މި ރެކޯޑް އަނެއްކާ ވެސް "ބާހުބަލީ2" މުގުރާލަފާނެ ކަމަށް ބެލެވެއެވެ. އެއީ "ޑަންގަލް" އަކީ މިދިޔަ ޑިސެމްބަރު މަހުގައި ރިލީޒް ކުރި ފިލްމަކަށް ވެފައި "ބާހްބަލީ 2" އަށް އަދިވެސް އެ ފިލްމު މާކެޓް ކުރުމުގެ ފުރުސަތު އޮތީމައެވެ. "ބާހްބަލީ2" ޗައިނާގައި އެޅުވުމާއި މެދު އަދި ގޮތެއް ނުނިންމާކަމަށް ރިޕޯޓްތައް ބުނެއެވެ.