ކޮވިޑް-19ގެ ސަބަބުން ފާއިތުވެދިޔަ ދެ އަހަރު ދުވަހަކީ ގާތް ގަނޑަކަށް ކުޅިވަރުގެ ހަރަކާތްތައް ހުއްޓުނު ދެއަހަރެވެ. ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރު ކަމަށްވާ ފުޓުބޯޅަ ފިޔަވާ ދެންހުރި ކުޅިވަރުތައް އެއްކޮށް ހުއްޓުނު ދެއަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފުޓުބޯޅައިގެ ހަރަކާތްތައް ހިންގުނީވެސް ގޮންޖެހުނަތަކަކާއެކު އެހާމެ ދަތިގޮތަކަށެވެ. އެހެންނަމަވެސް މި ފެށުނު އަހަރަކީ ކޮވިޑުގެ އާލަމީ ވަބާއަށްފަހު ކުޅިވަރުގެ ހަރަކާތްތައް އަލުން ހިނގައިގަންނާނެ އަހަރެކެވެ. އެކަން މިހާރު ވެސް ކުޅިވަރު ދަނޑުތަކުން ފެންނަންފަށައިފިއެވެ. އެކި ކުޅިވަރުތަކުގައި މިހާރު ވެސް ކުޅުންތެރިން ބިޒީވެފައިވާއިރު ރާއްޖޭގެ ގައުމީ ޓީމުތަކަށްވެސް މި އަހަރަކީ ބިޒީ އަހަރަކަށްވާނެއެވެ.
މިއަހަރަކީ ރާއްޖޭގެ އެތުލީޓުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އަހަރެކެވެ. އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ވަނީ މިއަހަރު ރާއްޖެ ފަސް ގޭމްސް އެއްގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.
ރާއްޖޭގެ އެތުލީޓުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ފަސް ގޭމްސް އަކީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސްއެވެ.
މި ހުރިހާ ކުޅިވަރުތަކުގެ ތެރެއިންވެސް ރާއްޖޭގެ އެތުލީޓުންނަށް އެންމެ ހާއްސަވާނެ ކުޅިވަރަކީ ކޮމަންވެލްތު ގޭމްސްއެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރި މި ވަނީ މެދުކެނޑުމަކަށްފަހުއެވެ.
ރާއްޖެއިން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. މި ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެންނެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން ލިބިފައެވެ.
ބެޓަން ރިލޭގެ ހަރަކާތްތައް ފެށިގެން ކުރިޔަށް
ކޮމަންވެލްތު ގޭމްސްގެ "ބާމިންހަމް 2022 ކްއީންސް ބެޓަން" އަށް ރާއްޖެއިން މަރުހަބާ ކިޔާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކޮމަންވެލްތުން ހަމަޖައްސައިފައިވަނީ ކޮންމެ ގައުމެއްގައިވެސް ބެޓަން ދަތުރުގެ ރަސްމީ ހަރަކާތްތައް ވަކި ދުވަސްތަކެއްގައި ކުރިއަށް ގެންދިޔުމަށެވެ. ރާއްޖޭން ބެޓަން ރިލޭގެ ރަސްމީ ހަރަކާތްތައް ފެށީ އައު އަހަރަށް މަރުހަބާ ކިޔުމަށް ބޭއްވި ޝޯވގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.
ބެޓަން ރިލޭ ތިލަދުންމަތީގެ ތިން ރަށަކަށް މިހާރު ގެންގޮސްފައިވާއިރު އެ ރަށްތަކުގައި އެމްއޯސީން ވަނީ އެކި ކަހަލަ އިވެންޓްތައް ކުރިޔަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ބޭއްވުމާއި، ސްޕޯޓްސް ފެސްޓިވަލްތައް ވަނީ ބާއްވާފައެވެ.
ރާއްޖޭގައި ބޭއްވި މި ހަރަކާތްތަކަށްފަހު ބެޓަން މިހާރު ސްރީލަންކާއަށް ވަނީ ގެންގޮސްފައެވެ.
ރާއްޖޭން ބައިވެރިވާ ގޭމްސްތައް އޮންނާނެ ދުވަސްތައް
ރަޝިއާގެ ވްލަޑިވޮސްޓޯކްގައި ޖުލައި މަހުގެ 22 އިން 8 އޯގަސްޓަށް ކުރިއަށްދާނީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް އެވެ. ކޮމަންވެލްތު ގޭމްސް އޮންނާނީ ޖުލައި 28 އިން އޯގަސްޓް 8 އަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ތުރުކީގެ ކޮންޔާގައި ކުރިއަށްދާ އިސްލާކިމް ސޮލިޑަރިޓީ ގޭމްސް އޮތީ އޮގަސްޓް 9 އިން 18 އަށެެވެ. އޭޝިއަން ގޭމްސް އޮތީ ސެޕްޓެމްބަރު 10 އިން 25 އަށް ޗައިނާގެ ހަންޒޫގަ އެވެ. އަދި އޭޝިއަން ޔޫތު ގޭމްސް އޮތީ ޑިސެމްބަރު 20 އިން 28 އަށް ޗައިނާގެ ޝަންޓޯގައެވެ.
ކޮވިޑްގެ އާލަމީ ވަބާއަށްފަހު މި ފެށުނު އަހަރު ވެގެންދާނީ ރާއްޖޭގެ ކުޅިވަރަށް އިތުރު އަލިކަމެއް ލިބިގެންދާނެ އަހަރަކަށްކަން ކަށަވަރެވެ. ރާއްޖޭން ބައިވެރިވާ ގޭމްސްތަކަށް ތައްޔާރުވާން އެތުލީޓުންނަށް ފަހިކޮށްދޭން ޖެހޭ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް އެސޯސިއޭޝަންތަކާއި ވާހަކަ ދައްކައިގެން އެތުލީޓުންނަށް ހޯދައިދޭން ޖެހޭ ފުރުސަތުތައް ހޯދައިދޭން މަސައްކަތައް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅުންތެރިންގެ ތަމްރީން ޕްރޮގްރާމްތައް ރާވާ ކުރިޔަށްގެންދާނެ ގޮތެއް ހަމަޖެއްސުމަށް އެސޯސިއޭޝަންތަކަށް އަންގާފައިވާއިރު ގޭމްސްތަކަށްދާ އެތްލީޓުންނަށް އެއްމެ ފުރިހަމަ ތަމްރީންތައް ހޯދައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީން ޕްރޮގްރާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު ހުރިހާ ކުޅިވަރުތަކެއް ހިމެނޭގޮތައް މަތީފެންވަރުގެ ކޯޗުން ހަމަޖައްސައިދޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މި އަހަރު ވެގެންދާނީ ކުޅިވަރު އެތްލީޓުންނަށް އުންމީދާއި އުފާވެރިކަން ގެނުވާނެ އަހަރަކަށެވެ. ކުޅުންތެރިންގެ ފެންވަރު އެތައް ގުނައެއް އިތުރުވެ، ކާމިޔާބަށް އެތި ތިބި އެތުލީޓުންނަށް ކާމިޔާބީ އާއި އެކު ކުރިޔަށްދާން ލިބިގެންވާ އަހަރަކަށެވެ.