މިސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ސޯލާ އެނާޖީ ބޭނުންކުރެވޭ މިންވަރު 52 މެގަވޮޓަށް ބަދަލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނ.މަގޫދޫ އާ އިންޖީނުގެއާއި އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ މުޅި ރާއްޖެ އިއާދަކުރަނިވި ހަކަތައަށް ރުޖޫއަވުމަކީ އަމާޒު ކަމަށާއި، މަސައްކަތް ކުރަމުންދަނީ އެ ވިސްނުމުގައި ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު މުޅި ރާއްޖޭގައި އޮތީ ގާތްގަނޑަކަށް 16 މެގަވޮޓުގެ ސޯލާ އެނާޖީ ކަމަށާއި، ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި 20 މެގަވޮޓު އެއަށް އިތުރުކުރެވިފައިވާ ކަަމަށެވެ.
މިދައުރު ނިމިގެންދާއިރު، ރާއްޖޭގައި ސޯލާ އެނާޖީ ބޭނުންކުރެވޭ އަދަދު 52 މެގަވޮޓަށް ބަދަލުކުރާނެ ކަމަށާއި، އެމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މިއީ 2030 ވަނަ އަހަރަށް ހިފައިފައިވާ އަމާޒު ނެޓް ޒީރޯއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގައި އަލަށް ގާއިމްކުރެވޭ ޒަމާނީ ފެންވަރުގެ އިންޖީނުގެތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު މުޅި ރާއްޖޭގައި ހުރި ކެޕޭސިޓީއަކީ 70 މެގަވޮޓު ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ފެނަކައިން ބުރަ މަސައްކަތްތަކެއްކޮށް، މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި 140 މަގަވޮޓުގެ ކަރަންޓު ފޯރުކޮށްދެވޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިހާތަނަށް ޖުމްލަ 213 އިންޖީނު ރަށްރަށުގައި ބަހައްޓައިދީފައިވާ ކަމަށާއި، ކޭބަލް ނެޓްވޯކް 112 ރަށެއްގައި އަޕްގްރޭޑް ކުރެވިފައިވާ ކަމަށެވެ.
މުޅިއަކު 213 އިންޖީނު މިހާރު ވަނީ އެކި ރަށްރަށުގައި ބަހައްޓަދީފައި. ކޭބަލް ނެޓްވޯކް 112 ރަށެއްގައި އަޕްގްރޭޑް ކުރެވިއްޖެ. މިހާތަނަށް ފެނައިން ކުރި މަސައްކަތުގެ ތެރޭގައި 39 ރަށެއްގެ އިންޖީނުގެ ވަނީ ނިމިފައި. އަދި މިހާރު ވެސް 31 ރަށެއްގައި އަމަލީ މަސައްކަތް އެބަ ކުރިއަށްދޭ. ޖުމްލަ 70 އައު އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓް އަދި 14 ރަށެއްގައި އައު އިންޖީނުގެ އިމާރާތް ކުރުމުގެ ޕްލޭން ކުރިއަށް އެބަ ގެންދޭ. ފެނަކައިން އިންޖީނުގެތައް އަޅަމުން އެގެންދަނީ މުއައްޒަފުންނަށް ވެސް އެންމެ ރަނގަޅު މާހައުލަކާއެކީ. ކުރިއަށް މިއޮތް 15 ނުވަތަ 20 އަހަރުގެ ތެރޭގައި ވެސް އިތުރު ބަދަލެއް ނުގެނެސް ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތައް ހިންގޭނެ ގޮތަށް ދުރަށްވިސްނައިގެން ރާވަފައިވާ ޕްލޭންތަކެއް.ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވިދާޅުވީ މީގެ ކުރިން ރޯދަމަހާއި ދިމާކޮށް ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ މައްސަލަތައް ދިމާނުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.