ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި، ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެއުމުގެ ބަދަލުގައި އެދިވަޑައިގެންނެވީ ޓްރެވަލް ޑޮކިއުމެންޓެއް ބޭނުންކޮށްގެން ނަމަވެސް ފުރޭނެ ގޮތް ހެދުމަށް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޮޑުދައިތައަށް ޒިޔާރަތްކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑުދައިތަގެ ބަލިހާލަތު ހުރި ގޮތުން، ބޮޑުދައިތަ ދެކިލަން މިވަގުތު ދިއުމަކީ ހަމަ ކޮންމެހެން މުހިންމު ކަމެކެވެ.
ބުދަ ދުވަހު ފާރިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދުމުގެ ބަދަލުގައި އެދިވަޑައިގަތީ ޓްރެވަލް ޑޮކިއުމެންޓެއް ބޭނުންކޮށްގެން ނަމަވެސް ފުރޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށާއި، އޭނާއާ އެކު ފުލުހުން ފޮނުވަން ބޭނުންވާ ނަމަ އެ ފުލުހުންގެ ދަތުރު ޚަރަދުތަކަށް ވެސް ޒިންމާވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރަން ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ފުލުހުންނަށް އޮޅުންފިލުވައި ދީފައިވާނެ ކަމަށާއި، އެކަންތައްތަކަކީ ތަހުގީގަށް ފިލާފާނެ މީހަކު ހުށަހަޅާނެ ހުށަހެޅުމެއް ނޫންކަން ބުއްދީގެ ހަމަތަކުން ވިސްނުމުން ސާފުވާނެ ކަމަށެވެ.
ފާރިސް މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، އޭނާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން ނިންމާފައިވަނީ ތަހުގީގަށް އެއްބާރުލުން ނުދީ ފިއްލަވާފާނެތީ ކަމަށް ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވަނިކޮށެވެ.
ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފާރިސްއާ ގުޅޭ ގޮތުން ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައަށް އެއްބާރުލުންދެމުން ނުދާކަމަށާއި، ފާރިސްގެ މައްސަލައާ ގުޅުންހުރިކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައިވާ ރައީސް މައުމޫނުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައި ނުވަނީ އޭނާ ފިލައިގެން އުޅުމުގައި ރައީސް މައުމޫނުގެ އާއިލާއިން އެހީތެރިވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ކަންކަން މިހެން ހުރުމާއެކު ފާރިސްއަށް ބޭރަށް ވަޑައިގަތުމަށްހުއްދަ ދީފިނަމަ އެނބުރި ވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަހުމަދު ސޮފްވާން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައި ނުވަނީ އޭނާ ފިލައިގެން އުޅުމުގައި ރައީސް މައުމޫނުގެ އާއިލާއިން އެހީތެރިވާތީ ކަމަށް ތުހުމަތުކުރި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާ އެމަނިކުފާނުގެ އާއިލީ ބޭފުޅާއަށް ޒިޔާރަތްކުރުމަށްޓަކައި ފާރިސްގެ އެއްބަނޑު އެއްބަފާ ދެބޭފުޅުން ކަމުގައިވާ ގައްސާން މައުމޫނާއި ދުންޔާ މައުމޫނަށް ބޭރަށް ވަޑައިގަތުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނޭ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ފާރިސްގެ އާއިލާއިން ސޮފްވާން ފޮރުވައިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ ތުހުމަތާ ގުޅިގެން ފާރިސް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފަށް ކޮށްފައިވާ ޖިނާއީ ތުހުމަތެއް ކަމަށާއި އެއީ ގާނޫނީ އުސޫލުތަކާއި އަސާސްތަކާ ވެސް ޚިލާފު ވާހަކައެއް ކަމަށެވެ.
ފާރިސް ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ފުލުހުންނަށް ހާޒިރުކޮށްދިނުމަކީ އޭނާ އާއި އޭނާގެ އާއިލާގެ މަސްއޫލިއްޔަތެއް ނުވަތަ ގާނޫނީ ޒިންމާއެއް އޮތްކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެހެން މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުނުވުމަކީ އޭނާ ވެސް ތަހުގީގަށް ހާޒިނުވެ ފިލާފާނެ ކަމަށް ބެލުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގު ހިންގުމާއި ޝަރީއަތް ހިންގުމުގައި އެ ނޫން މީހުންގެ ގާނޫނީ ހައްގަށް ހުރަސް އަޅައިގެން ނުވާނޭ ކަމަށް ގާނޫނު އަސާސީގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފުލުހުން ބޭނުންވާ މީހަކު ހާޒިރުނުކުރެވޭތީ އޭނާއަށް އެކަމުގެ އަދަބު ދިނުމުގެ ގޮތުން ފުރުން މަނާކުރުމަކީ އެ މާއްދާއާ ޚިލާފަށް ހިންގޭ ބާތިލު އިޖުރާއަތެއް ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ފާރިސްގެ ފަރާތުން އެއްބާރުލުން ނުދެއްވާ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފައިވާ ބުނުން އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ. ފާރިސް ވިދާޅުވީ ފުލުހުން ކުރަމުންދާ ތަހުގީގަކީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގެ ނުފޫޒުން ކުރުވާ ކަމެއްކަން ސާފުވި ނަމަވެސް، ފުލުހުންގެ ހުރުމަތް ދެމެހެއްޓުމަށްޓަކައި ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އަދިވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ރާއްޖެެއިން ބޭރަށް ވަޑައިގެންނެވޭނެ ގޮތް ހަދައިދިނުމަށް ތަކުރާރުކޮށް ގޮތް އެދިވަޑައިގަންނަވާ ކަމަށާއި ފުރުނު ކަމުގައި ވީ ނަމަވެސް، ތުހުމަތު ކުރެވޭ މައްސަލައިގައި ޖަވާބުދާރީވުމަށް ފުލުހުން ކަނޑައަޅާ ތާރީޚަކަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ފާރިސް ފިޔަވައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ސިންގަޕޫރުގައި ކަމަށް މައުލޫމާތު ލިބެ އެވެ. ނަސްރީނާ އިބްރާހިމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަކަށް ސިންގަޕޫރުގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ނަސްރީނާގެ ކޮއްކޮގެ ހާލު ވަރަށް ސީރިއަސް އެވެ.