ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 19:30
ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ
ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ލުކާކޫ ސްކޮޑުގައި ހިމެނުން
އެފްއޭ ކަޕް މެޗަށް ޗެލްސީގެ ސްކޮޑުގައި ލުކާކޫ ހިމަނަނީ
މިއީ ކުރިން ހިނގިކަންކަމަށް ބަލަންވީ ވަގުތު ނޫން ކަމަށް ޓުޗެލް ބުނި

އިނގިރޭސި އެފްއޭ ކަޕުގައި ޗެލްސީން ޗެސްޓާފީލްޑާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ ފޯވާޑް ރޮމޭލޫ ލުކާކޫ ސްކޮޑުގައި ހިމަނާނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގެ ސްކޮޑުގައި ލުކާކޫ ހިމަނާފައެއް ނުވެއެވެ. އެ މެޗުގެ ސްކޮޑުން ލުކާކޫގެ ނަން އުނިކުރީ މީގެ ތިން ހަފްތާ ކުރިން ލުކާކޫ މީޑިއާއަކަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ އިންޓަ މިލާނުން ޗެލްސީއަށް ވިއްކާލީ 135 މިލިއަން ޑޮލަރަށެވެ. މިއީ އެއް ކުޅުންތެރިޔަކު ހޯދަން ޗެލްސީން އެ ކްލަބުގެ ތާރީޚުގައި ދިން އެންމެ ބޮޑު ޓްރާންސްފަރ ފީ އެވެ. އެކަމަކު ޗެލްސީއަށް ބަދަލުވިތާ ހަތަރު މަސް ނުވަނީސް ލުކާކޫ މީޑިއާއަށް ދިން އިންޓަރވިއުގައި ބުނީ އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށާއި އަލުން ކުރިން ކުޅުނު އިންޓަ މިލާނަށް ބަލަދުވާން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ޗެލްސީގެ ކޯޗު ޓުޗެލް ވަނީ ލުކާކޫ މީޑިއާއަށް ދިން އިންޓަވިއު ކުށްވެރިކޮށްފައެވެ. ޓުޗެލް ބުނީ އެ އިންޓަވިއުގައި ލުކާކޫ ދެއްކި ވާހަކަތަކަކީ ޗެލްސީގެ މިވަގުތު ހާލަތަށް ބަލާއިރު ބޮޑު މައްސަލައެއް ކަމަށެވެ.

ޓުޗެލް ބުނީ ލުކާކޫގެ އެ އަމަލަކީ އޭނާއަށް ކަމުދާ އަމަލެއް ނޫން ކަމަށާއި، މިއީ ޗެލްސީން މިވަގުތު އިވެން ބޭނުންނުވާ އަޑެއް ކަމަށެވެ. އޭގެ ބަދަލުގައި ޗެލްސީން މިވަގުތު ބޭނުންވަނީ ހަމަޖެހިލައިގެން ކުރިޔަށް ހުރި މެޗުތަކަށް ފޯކަސް ކުރަން ކަމަށާއި، ލުކާކޫގެ އެ އިންޓަރވިއުގެ ސަބަބުން އިތުރު ޕްރެޝަރެއް އައިސްފައިވާ ކަމަށެވެ.

ކުރިޔަށް އޮތް މެޗުގެ ކުރިން ލުކާކޫއަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ބުނެ ޓުޗެލް ބުނީ މިއީ ކުރިން ހިނގިކަންކަމަށް ބަލަންވީ ވަގުތު ނޫން ކަމަށާއި، ކުޅުންތެރިޔާ އާއި ކްލަބުން ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރަންވީ ވަގުތު ކަމަށެވެ.

ލުކާކޫވަނީ އޭނާގެ އިންޓަރވިއުގައި ޗެލްސީގެ ކޯޗު ޓުޗެލް އެ ޓީމު ލައްވާ ކުޅުވާ ސްޓައިލާ މެދުވެސް ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ޓުޗެލް ބުނީ އޭނާ ކުޅުވާ ސްޓައިލާމެދު ލުކާކޫ ހިތްހަމަ ނުޖެހޭކަން ނޭނގޭކަމަށާއި، ލުކާކޫގެ ފަރާތުން އެވާހަކަ އަޑުއިވުމުން ލިބުނީ ހައިރާންކަންކަމަށެވެ.

މީޑިއާއަށް ދިން އިންޓަވިއުގައި ލުކާކޫ ވަނީ އިންޓަ އިން އޭނާ ބޭނުންވި ކޮންޓްރެކްޓް ހުށަހެޅިނަމަ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައެވެ. އަލުން އިންޓައަށް ބަދަލުވާން ބޭނުންވަނީ ކެރިއަރުގެ ފަހުކޮޅުގައި ނޫން ކަމަށާއި ރަނގަޅު ލެވަލެއްގައި ކުޅެން ކަމަށް ލުކާކޫ ވަނީ ބުނެފައެވެ.

- ކޮމެންޓް