ހއ. ބާރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބާރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 100 ބަންޑާރަ ގޯއްޗެވެ. އެހެންކަމުން ގޯއްޗަށް އެދޭ ފަރާތްތަކުން، ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންވާ ޝަރުތުތައް ހަމަވާނަމަ ބާރަށު ކައުންސިލް އިދާރާއަށް ފޯރމް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ. ފޯރމް ބަލައިގަތުމާއި ގޯތި ދޫކުރުމުގައި އަމަލުކުރާނީ "ހއ.ބާރަށުން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ އުސޫލު"އާ އެއްގޮތަށް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އަދި އެ އުސޫލު ބާރަށު ކައުންސިލް އިދާރާއިގެ ވެބްސައިޓްގައި އާންމު ކުރެވިފައިވާނެކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެ އިދާރާއިގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އެ އިދާރާއިގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެހެންކަމުން ފޯމް ފުރިހަމަކުރެއްވުމަށް ފަހު އެ އިދާރާއަށް ނުވަތަ އިދާރާގެ މެއިލް [email protected] ނުވަތަ gov.mv މެދުވެރިކޮށް މެއިލް ކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމާއި ހުށަހަޅާ ގަނޑުތައް ހަމައަށް އެ އިދާރާއަށް ލިބުނުކަން، ފޯމް ހުށަހަޅާ ފަރާތުން އެ އިދާރާއަށް ގުޅައިގެން ކަށަވަރު ކުރުމަށްވެސް އެދިފައިވެއެވެ.
ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ ޖެނުއަރީ 31 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރީންނެވެ.