ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 19:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދާ ގުޅޭ މައްސަލަ
ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް ބަސްމަގު އަނބުރަމުން ދާތީ ކަންބޮޑުވަން، މަގުސަދަކީ ޖާނަށް ނުރައްކާދިނުން: ނަޝީދު
 
ލާދީނީ މީހެއްކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވިކަމަށް ވިދާޅުވި
 
އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވިދާޅުވި
 
ސިޔާސީ މަސްރަހުގައި މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ އެފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް

އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން ކުރާ މަސައްކަތުގެ ހަމައެކަނި މަގުސަދަކީ ޖާނަށް ނުރައްކާދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް "ރައްޔިތުންގެ އިއްތިހާދު" ކިޔާ ބަޔަކު ފުލުހަށް ހުށަހަޅާފައިވާތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެނޫސްބަޔާނުގައި އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި، މީޑިޔާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވަރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ އެފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިފަދަ ބަސްމަގާއި، އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބަސްމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ފަދަވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުރީމެވެ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އެހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއްކަމަށް ތަހުގީގުތަކުން ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ އެތައް ފަހަރަކު އެމަނިކުފާނަށް ފާރަލައިގެން ދީފައިވާ ހަމަލާއެއްކަންވެސް ވަނީ އެނގިފައެވެ.

އޭގެފަހުން އިސްމާލީ އަގީދާއާ ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމާއި ދެކޮޅަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ބިލް ހުށަހެޅިގޮތަށް ފާސްކުރުމުގައި އުފެދުނު ޚިޔާލަ ތަފާތުވުންތަކުގެ ސަބަބުން އެބިލް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހު ދައުރު ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އެއީ ކުށެއްކަން ބަޔާންކޮށްފައިވާ ބައި ވަނީ ބިލް ފާސްކުރިއިރު އުނިކޮށްފައެވެ. އެބިލް މިހާރު ތަސްދީގުކޮށް ގާނޫނަކަށްވެފައިވާއިރު ރައީސް ނަޝީދު ވަނީ ބަޔާނުގައި އެކަން ފާހަގަކުރައްވާފައެވެ.

ފުލުހުން ބުނެފައިވަނީ ރައީސް ނަޝީދާ ގުޅޭ މައްސަލައެއް ޖަމްއއްޔަތުލް އިއްތިހާދުން ހޯމަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަމެއް ވާނަމަ އެކަމެއް ބަލަމުންދާ ކަމަށެވެ.

ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުވެސް ރައީސް ނަޝީދު ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
50%
0%
0%
ކޮމެންޓް