ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 15:41
ފޯ ނޭޝަންސް ކަޕުގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ފޯ ނޭޝަންސް ކަޕުގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ލަންކާގައި ބޭއްވުމަށް ނިންމާފައިވާ މުބާރާތް
ބޮޑު މުބާރާތެއް ލަންކާގައި ފަށަނީ، ރާއްޖެއަށް ފުރުސަތު އޮންނާނެ
މާޗު މަހު ބާއްވާ މުބާރާތުގައި ޔޫރަޕުގެ ޓީމުތައް ފެންނާނެ
ނޮވެމްބަރު މަހު ބޭއްވި ފޯ ނޭޝަންސް ކަޕުގައިވެސް ރާއްޖެއިން ބައިވެރިވެފައިވޭ

އަންނަ މާޗު މަހުގެ ތެރޭގައި ބައިނަލްއަގްވާމީ ބޮޑު ފުޓުބޯޅަ މުބާރާތެއް ބާއްވަން ސްރީލަންކާގެ ފުޓުބޯޅަ ފެޑަރޭޝަނުން މަސައްކަތް ފަށާފައިވާ ކަމަށާއި އެ މުބާރާތުގައި ބައިވެރިވާން ރާއްޖެއަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މާޗު މަހު ލަންކާގައި ޔޫރަޕުގެ ޓީމުތައް ހިމެނޭނެހެން ބޮޑު މުބާރާތެއް ބާއްވަން އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މުބާރާތުގައި ބައިވެރިވާން ރާއްޖެއަށްވެސް ދައުވަތު ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ދެން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ސީޝެލްސް އާއި ބަނގްލަދޭޝްއެވެ.

ލަންކާގެ ފުޓުބޯޅަ އަލުން ކޮޅަށް ޖަހަން އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ޖޭސްވާރު އުމަރު ކުރައްވާ މަސައްކަތުގެ ތެރެއިން ފީފާ އިންޓަނޭޝަނަލް ކަލަންޑަރުގެ ތެރެއިން ލަންކާއަށް މެޗުތަކެއް ހޯދައިދިނުމަކީ ވައުދެކެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެނީ ލަންކާގައި ފުޓުބޯޅަ ފޯރި އަލުން އާލާ ކުރެވޭނެ ގޮތަކަށް ލަންކާގެ ގައުމީ ޓީމު މެޗުތައް ކުޅެވޭ ގޮތް ހެދުން ކަމަށް ޖޭސްވާރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މާޗް މަހު ކުޅޭ މުބާރާތް ރޭވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި ފަހަރެއްގައި މި ފަހަރުގެ މުބާރާތުގައި ފަސް ޓީމު ނޫނީ ހަ ޓީމު ކުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި ރާއްޖެ ވެސް މި މުބާރާތުން ފެނިދާނެ ކަމަށް ލަންކާ ފެޑެރޭޝަނުން ބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގެ ފައިނަލް ޝަރަފުވެރި ކޮށްދެއްވީ ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. އެ ދަތުރުގައި ލަންކާގެ ފުޓްބޯޅަ ތަރައްގީ ކުރަން ފީފާ އިސް ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ވަނީ ދެއްވައިފައެވެ.

- ކޮމެންޓް