ރާއްޖޭގެ އެހެން ބައެއް ރަށްރަށެކޭ އެއްގޮތަށް ހދ.ނެއްލައިދޫގެ ރައްޔިތުންނަކީވެސް ލަފާފުރުމާއި ބަނދަރުގެ ދަތިކަން އިހްސާސްކުރަމުންދާ ބައެކެވެ. އާބާދީގައި 1300 އަށްވުރެ ގިނަ މީހުން އުޅޭ ނެއްލައިދޫގައި ލަފާފުރުމަށާއި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.
ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ބޮޑުމައްސަލައެކެވެ. މިކަމަށް ހައްލެއް ހޯދުމަށް 2008 ވަނަ އަހަރު ރައްޔިތުންގެ މަސައްކަތުން އެރަށުގައި ފުރަތަމަ ފަހަރަށް ޖެޓީއެއް އެޅިއެވެ. މިއާއެކު ލަފާފުރުމުގެ ދަތިކަމަށް ރައްޔިތުންނަށް ވަގުތީ ކުޑަ ހައްލެއް ލިބިގެންދިޔައެވެ.
ނެއްލައިދޫގެ ރައްޔިތުންނަކީ މަސްވެރިކަންކުރާ ބައެކެވެ. ރަށުގެ ގިނަޒުވާނުންނަކީ ފަޅުގެ ތަފާތު މަސްވެރިކަން ކުރާ ބަޔަކަށް ވުމުން 2011 ވަނަ އަހަރު ސަރުކާރުން އެރަށުގައި ބަނދަރު ހެދުމުގެ މަސައްކަތްފެށުމާއެކު ރައްޔިތުންގެ އުންމީދު އާވެގެންދިޔައެވެ. 400 ފޫޓްގެ މިބަނދަރު ނިންމާ 2016 ވަނަ އަހަރު ޚިދުމަތް ލިބެންފެށުމުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދިޔައެވެ. އެހެންނަމަވެސް މިބަނދަރު ބޭނުންކުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ބަނދަރަށް ވެލިވަދެ ބަނދަރު ބޭނުން ނުކުރެވޭވަރަށް ތިލަވިއެވެ. އަދި މިކަމަށް ހައްލެއް ނުލިބި 2 އަހަރުވަންދެން ރައްޔިތުންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހުނެވެ. 2 އަހަރު ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވި ދިއުމަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުންވަނީ ނެއްލައިދޫގެ ބަނދަރު ފުންކޮށް ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހަދާދީފައެވެ.
އެހެންނަމަވެސް އެރަށުގައި ބޭނުންކުރާ އުޅަނދު ގިނަވުމާއި އަދި ބަނދަރު ހެދިފައިވާގޮތުން އަނެއްކާވެސް ވެލިއަރާ މައްސަލައެއް ދިމާވެދާނެކަމުގެ ބިރު އޮތްކަން ރައްޔިތުންވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މިކަަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 27، 2019ގައެވެ. އެއީ 55.4 މިލިއަން ރުފިޔާއަށެވެ.
ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ، 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެއެވެ. އަދި 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 103 މީޓަރު ސަރަހައްދުގައި ގްރޮއިޑް ޖަހާފައިވެއެވެ. އަދި 1812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ވަނީ ހަދާފައެވެ. މީގެއިތުރުން ނެރުބައްތިއާއި މަގުބައްތި ޖެހުންވެސް މިމަޝްރޫއުގެ މަސައްކަތު ގެތެރޭންވަނީ ކުރިއަށް ގެންގޮސްފައެވެ.
ނެއްލައިދޫގެ ބަނދަރު މަސައްކަތް ނިންމާލާފައިވާއިރު ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަޔަށް ހައްލެއް ލިބިގެންގޮސްފައިވާ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.