ކ. މާލެ
|
31 މެއި 2017 | ބުދަ 09:22
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ
ޓްވިޓަރ
އެސްޓީއޯ
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވޭ
ހިއްސާދާރުން ވޯޓުލާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ 2016 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 51ރ. ބަހަން ނިންމައިފި އެވެ.

 

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން މިގޮތަށް ފާސްކޮށްފައިވާއިރު ޖަލްސާއަށް 172 ހިއްސާދާރުން ތަމްސީލްކުރި  948،0202 ހިއްސާގެ ތެރެއިން 942،020 ހިއްސާގެ ވޯޓުންނެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 5،410 ހިއްސާއެވެ.

 

ހިއްސާދާރުން ވޯޓުލާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.

 

އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ އާއި އަހަރީ ރިޕޯޓް ވެސް ފާސްކޮށްފަ އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް މެމްބަރުން ތިބޭ އިރު، ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނުކުރި ހަ މެމްބަރުންނަކީ މިހާރުވެސް ބޯޑަށް ސަރުކާރުން ލާފައިވާ ހަ މެމްބަރުންނެވެ. އެއީ ކުންފުނީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު، މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު، އަދި ޑިރެކްޓަރުން މުހައްމަދު މިހާދު، އާމިރު މަންސޫރު، އާއިޝަތު ރަފިއްޔާ އަދި އާއިޝަތު ރަޔާހީން ޝަރީފެވެ.

 

ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ތިން މެމްބަރަކު ކުރިމަތިލެއްވި ނަމަވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް 97.3 ޕަސެންޓް ވޯޓުން މުހައްމަދު ފަރުސަތު ވަނީ ހޮވާފައެވެ.

2015 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 57ރ. ބަހާފައިވާއިރު، 2014 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 76ރ. އެވެ.

 

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާވާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މި އަހަރު ވެސް އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯ އިން ކަމަށްވާއިރު، އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 2016 ވަނަ އަހަރު 288 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

- ކޮމެންޓް