ބާމިންހަން ކޮމަންވެލްތު ގޭމްސްގައި ބޭނުންކުރާ ދަންމަރު "ބާމިންހަން 2022 - ކްއީންސް ބެޓަން" ދިއްދޫއަށް ގެންދެވުމާއެކު އެ ރަށުން ހޫނު މަރުހަބާއެއް ކިޔާއިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިއީ ދިއްދޫއަށް އައި ކުޅިވަރުގެ އީދެއް ކަމަށާއި ދިއްދޫގެ ތާރީޚްގައިވެސް ދަންމަރެއް ގެނެވޭ ފުރަތަމަ ފަހަރު ކަމުން، މިއީ ދިއްދޫއަށް ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ. އަދި ދިއްދޫ ރައްޔިތުން ތިބީ ގައުމީ ރޫހެއްގައި ވަރަށް ޖޯޝާއި ފޯރީގައި ކަމަށެވެ. ދިއްދޫއަށް ދަންމަރު ގެންދެވިފައިވަނީ ޖެނުއަރީ 2 ވީ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00ގައެވެ.
ދަންމަރާއެކު ދިއްދޫގައިވަނީ ޚާއްސަ ދުވުމެއް ކުރިއަށް ގެންގޮސްފައިއެވެ. އެގޮތުން މި ދުވުން ދިއްދޫ އިޖްތިމާއީ މަރުކަޒު ކައިރިން 17:00ގައި ފަށާފައިވާއިރުގައި ދުވުން ނިންމާލާފައިވަނީ 17:45ގައި ދިއްދޫ ހުޅަނގު ފަސްގަނޑަށެވެ. މި ދުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރާއި ހއ. އަތޮޅު ކައުންސިލްގެ ރައީސާއި ދިއްދޫ ކައުންސިލްގެ ރައީސް ބައިވެރިވެފައިވާއިރުގައި ދިއްދޫގެ ސަރުކާރު މުއައްސަަސާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން ވަނީ ބައިވެރިފައިއެވެ. ދުވުން ނިންމާލުމަށްފަހު ކުއީންސް ބެޓަންއާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައިއެވެ.
ދަންމަރު ގެންދެވުމާއި އެކު ދިއްދޫގައި ވަނީ ޚާއްސަ ކުޅިވަރުތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މި ކުޅިވަރުތަށް ފަށާފައިވަނީ 16:00ގައި ދިއްދޫ ހުޅަނގު ފަސްގަނޑުގައިއެވެ. ކުޅިވަރު ތަކުގެ ތެރޭގައި ބޮއްކުރާ ރޭސް، ވޮލީ، ބަށި ކުޅުމުގެ އިތުރުން މޫދު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދިއްދޫ ސްކޫލް ކުދިންގެ އައިޓަމްތަކެއް ވެސް ވަނީ ހުށަހަޅާފައިއެވެ.
މީގެ އިތުރުން ދަންމަރަށް މަރުހަބާ ކިޔުމަށްޓަކައި ހއ. އަތޮޅު ތައުލީމީ މަރުކަޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އާދިއްތަ ދުވަހުގެ ހެނދުނު ވަނީ ދިއްދޫގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށްފައެވެ. މި ހަރަކާތުގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ދިއްދޫއަށް ވަނީ ޑަސްބިން ވެސް ހަދިޔާ ކޮށްފައެވެ.
ދިއްދޫއަކީ ކޮމަންވެލްތު ގޭމްސްގެ ދަންމަރު ގެންދެވުނު ތިންވަނަ ރަށެވެ. އެގޮތުން މި ދަންމަރު ފުރަތަމަ ގެންދެވިފައިވަނީ ހދ ނޮޅިވަރަންފަރަށެވެ. އަދި ދެވަނައަށް ގެންދެވިފައިވަނީ ހދ. ނޮޅިވަރަމަށެވެ.