ދަރިންގެ ހައްގުގައި އެންމެ ބޮޑަށް ގުރުބާންވާ އެއްބަޔަކީ މައިންނެވެ. އެކަން ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެންނަމުންދެއެވެ. މި ރާއްޖޭގައި ވެސް މެއެވެ. ވަރަށް ދަތި ހާލުގައި އުޅެން ޖެހުނުކަމުގައި ވީ ނަމަވެސް ދަރިންގެ އަތުން އަތްދޫކޮށްނުލައި ކުރިއަށްދާން މައިން މަސައްކަތް ކުރެއެވެ. ކިތަންމެ ގިނަ ގޮންޖެހުންތަކާއެކު ވެސް މެއެވެ.
ދަރިއަކު ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރުމަކީ އުދަނގޫ ކަމަކަށްވާއިރު، އެޒިންމާ އެކަނިވެރި މަޔަކު އުފުލަމުންދާނީ ގިނަ ދަތިތަކާއި ގޮންޖެހުންތަކާއެކުކަން ކަށަވަރެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ މަމްސް އެންޖީއޯއިން ހިއްސާކޮށްފައިވާ އެކަނިވެރި މައެއްގެ ވާހަކައެވެ.
މަމްސް އެންޖީއޯއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައިޝާއަކީ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެކަނިވެރި މައެކެވެ. ނަމަވެސް ދަރިންގެ ހައްގުގައި ދަނީ ގުރުބާންވަމުންނެވެ. އުމުރުން 15 އަހަރުން ދަށުގެ ހަތަރު ކުދިންނާއިއެކު ދިރިއުޅުމުންދަނީ ވީރާނާވެ ބާވެފައިވާ ގެއެއްގައެވެ. އެގައަކީ ދިރިއުޅުމަށް އެންމެ އެކަށީގެންވާ ގެއެއް ވެސް ނޫނެވެ. އެގޭގައި ހުންނަނީ އެންމެ ކޮޓަރިއަކާއި ބަދިގެއެއް އަދި ހިޔާނުކޮށް ހުންނަ ވަޅުގިފިއްޔެކެވެ. ވެހޭހާ ވާރޭއެއްގައި މުޅި ގޭގައި ފެންވެސް ބޮޑުވެއެވެ. ނަމަވެސް އެ ކުޑަ ތަންކޮޅު ހެދޭނެ އެއްވެސް ގޮތެއް ނެތެވެ.
ހެޔޮ އެދޭފަރާތެއްގެ އެހީތެރިކަމާއެކު އެގެއަށް އައިޝާމެން ދިރިއުޅުން ބަދަލުކުރީ މީގެ 10 އަހަރު ކުރިންނެވެ. އޭރު ވެސް އެގެއަކީ އެތައް އަހަރެއް ވަންދެން ފަޅަށް ހުރި ގެއެކެވެ.
މަމްސް އެންޖީއޯއިން ބުނީ އައިޝާގެ ދިރިއުޅުމުގެ ހާލަތު ވަރަށް ގާތުން ބާލާފައިވާ ކަމަށާއި، އެދިރިއުޅުން ބަދަލު ކުރުމަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޭގެ ހާލަތު ބެލުމަށް އެގެއަށް ދިޔަ ކަމަށާއި، އެންމެފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ގޭގައި ތަޅުންމަތީގައި އަޅާފައި ބޭނުންނުހިފޭ ވަރަށް ހަލާކުވެފައި އޮތް ތަރަފާލު ކަމަށެވެ. އޭގެ ބޮޑުބައި ހަލާކުވެފައި އޮތްއިރު ބިންމަތީގައި ގޮދަޑި އަޅައިގެން ނިދަން ބޭނުންކުރާ ކަމަށާއި، އެގޮދަޑި ތަކާއި ބާލީސްތައް ވެސް ހުރީ ބޭނުންކުރަން ކަމުނުދާ ވަރަށް ބާވެ ހަލާކުވެފައި ކަމަށް އެންޖީއޯއިން ބުނެއެވެ.
މިއަދު އައިޝާއަށް އެހީތެރިކަމެއް ލިބެނީ އޭނާގެ މަންމަގެ ފަރާތުންނެވެ. އެއީ އެދުވަސްވީ މަންމަ ކުޑަ މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރަމުންދާތީ އެވެ. އަދި ތުއްތު ދެކުދިން ގޮވައިގެން އެކަނި ދިރިއުޅެން ޖެހުމުގެ ސަބަބުން އައިޝާއަށް ވަނީ ވަޒީފާއަކަށް ދެވޭނޭ މަގުވެސް ބަންދުވެފައެވެ. އައިޝާގެ ކުދިންނަށް އަންނައުނު ހޯދައި ދެވުނު ދުވަހެއްވެސް އޭނާގެ ހަނދާނުގައި ނެތެވެ. ޒަރޫރީ ބޭނުންތައް ވެސް ރަނގަޅަށް ހަމަ ނުޖެއްސޭއިރު ގޭގައި ލައިގެން ކާނޭ އެއްޗެއް ވެސް ހުންނަނީ މަދު ފަހަރެއްގައެވެ. ދެ ކައިވެންޏަށް އައިޝާއަށް ދަރިން ލިބިފައި ވާއިރު ކުދިންގެ ބައްޕަ އާއި އާއިލާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އަދި ދެވަނަ ކައިވެނި ރޫޅުނު ފަހުން މާގިނަ ދުވަސްތަކެއް ނުވާތީ ބޭނުންވާ ބައެއް ލިޔެކިޔުން ހަމަޖެހުމުގައި ލަސްތަކެއް ވަމުން އަންނާތީ އެކަނިވެރި މައިންގެ އެލަވެންސް ވެސް އަދި ވަނީ ހަމަޖެހޭ ގޮތް ނުވެފައެވެ.
ކުދިންނަށް ކާއެތިކޮޅެއް ނުދެވި ހުންނަން ޖެހޭ ދުވަސްވެސް ވަރަށް ގިނައިން އާދޭ. ބައެއް ފަހަރު އިންޓަވަލްއަށް ގެންދާނޭ އެއްޗެއް ނެތުމުން ސުކޫލަށް ކުދިން ނުފޮނުވޭ ދުވަސްތައްވެސް ވަރަށް ގިނަ. މިކުދިން މިހާލުގައި ބޮޑުވާތަން ދެކެން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރު ކުރޭ.އައިޝާ
މީގެ އިތުރުން އައިޝާއަށް ވަނީ ނަފްސާނީ ޖިސްމާނީ އަނިޔާ ވެސް ލިބިފައެވެ. ދެވަނަ ކައިވެނީގެ ތެރޭގައި ކުދިންނަށް ވެސް އަނިޔާ ކުރާ މަންޒަރު ފެނިފައިވެއެވެ. އައިޝާއަށް އެ ދިރިއުޅުމުން ދުރަށް ދެވުނީ ވަރަށް އުދަނގުލުންނެވެ. މަމްސް އެންޖީއޯއިން މައުލޫމާތު ދޭ ގޮތުގައި އައިޝާއަކީ ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަންހެނެކެވެ. ހިތްދަތި ދިރިއުޅުމެއް ނަމަވެސް ހިތްވަރާއެކު އޭނާ މިއަދުވެސް ހުރީ ކުރިއަށްދާށެވެ. އެގޮތުން މަމްސް އެންޖީއޯއިން މިހާރު ވަނީ އެއާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދިނުމަށް ފަންޑް ރެއިޒިން ކެމްޕެއިން ވެސް ކުރިއަށް ގެންދެއެވެ. މަމްސް އެންޖީއޯގެ ފަރާތުން މަސައްކަތް ކުރި ނަމަވެސް އައިޝާގެ ދިރިއުޅުމުގައިި އުޖާލާ ކުލަތަކެއް ޖެއްސުމަށް އާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ. އެހެން ނޫން ކަމަށްވާނަމަ އެއާއިލާ ވެސް ދާނީ އިތުރަށް ބިކަވަމުންނެވެ.