ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 11:54
ވަޓްފޯޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ވަޓްފޯޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވަޓްފޯޑް އަތުން ޓޮޓެންހަމަށް މުހިންމު މޮޅެއް
ތާވަލުގެ ހަވަނައިގައި ޓޮޓެންހަމް އޮތީ 33 ޕޮއިންޓާއެކު
ޓެންހަމް މޮޅުވީ ވަޓްފޯޑް އަތުން 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފަހު ވަގުތު ވަޓްފޯޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ވަޓްފޯޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ކުލަބުގެ ރިކޯޑެއް ހަދާފައެވެ. އެގޮތުން ކޮންޓޭ ވެފައިވަނީ ޓޮޓެންހަމުގެ ތާރީޚުގައިވެސް އަލަށް ޓީމާ ހަވާލުވެ، ލީގުގައި ޖެހިޖެހިގެން އަށް މެޗު ބަލިނުވެ ނިންމާލި ފުރަތަމަ ކޯޗަށެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މި މެޗުން ޓޮޓެންހަމް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކުއެވެ. ހިލޭ ޖެހުމަކުން ސޮން ހެއުން-މިން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަވިންސަން ސަންޗޭޒެވެ.

މި މޮޅާއެކު އެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަވަނައަށް އަލުން ޖެހިލާފައެވެ. އަދި ޓޮޓެންހަމް މި ވަގުތު ތާވަލުގެ ހަވަނައިގައި އޮތީ ހަތަރުވަނައިގައި އޮތް އާސެނަލަށް ވުރެ ދެ މެޗު މަދުން ކުޅެ، ދެ ޕޮއިންޓުގެ ފަރަގަކާއެކުއެވެ. އެގޮތުން ހަތަރުވަނައިގައި އޮތް އާސެނަލަށް ކުޅުނު 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑެވެ. ވެސްޓް ހޭމަށް 20 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމަށް 18 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.

- ކޮމެންޓް