ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 06:51
ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ
ރާއްޖެއެމްވީ
މޫސުމާ ގުޅިގެން ނެރޭ އިންޒާރުތައް
މޫސުމާ ގުޅިގެން ނެރޭ އިންޒާރުތަކަށް މީހުން ސަމާލުކަންދޭ މިންވަރު އިތުރު
ކޮވިޑްގެ ކުރިން ކުރިޔަށް ގެންދިޔަ ސަރވޭގެ ނަތީޖާއަށް ބަލައިލާއިރު މޫސުމާ ގުޅިގެން ނެރޭ އިންޒާރުތަކަށް މީހުން ސަމާލުކަންދީ އެކަމަށް އިޖާބަދޭކަން ހާމަވެފައިވޭ
އެލަރޓްތައް މިހާރު ވަނީ ފަހުގެ ޓެކްނޮލޮޖީއާ އެއްގޮތަށް ބަދަލުކޮށްފައި

މޫސުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ އެކި އިންޒާރުތަކަށް މީހުން ސަމާލުކަންދޭ މިންވަރު އިތުރުކަމަށް  މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ޝަރީފް ވިދާޅުވީ ކޮވިޑްގެ ކުރިން ކުރިޔަށް ގެންދިޔަ ސަރވޭގެ ނަތީޖާއަށް ބަލައިލާއިރު މޫސުމާ ގުޅިގެން ނެރޭ އިންޒާރުތަކަށް މީހުން ސަމާލުކަންދީ އެކަމަށް އިޖާބަދޭކަން ހާމަވެފައިވާކަމަށެވެ. މަދު ބަޔަކު ޔެލޯ އެލަރޓް ނުވަތަ އޮރެންޖް އެލަރޓް ނެރެފައި އޮއްވާ ކަނޑުމައްޗަށް އެރިނަމަވެސް ގިނަ މީހުން އެއިންޒާރުތަކަށް ސަމާލުކަންދޭކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

ގިނަ މީހުން އިންޒާތުތަކަށް ބަލާ. އަޅުގަނޑުމެންނަށް ގުޅައިގެން ވެސް ބަލާ އިންޒާރު ނެރެފައި އޮތްތޯ. އިންޒާރު ނެރެފިނަމަ ނުފުރާ މަޑުކޮށްގެން ވެސް ތިބޭ އިންޒާރު ދަންދެން. ހޭލުންތެރިކަން އިތުރުކަމަށް ފާހަގަވޭ.
އަލީ ޝަރީފް/ މެޓް އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ

އަލީ ޝަރީފް ވިދާޅުވީ މޫސުމާ ބެހޭ އެލަރޓްތައް މިހާރު ނެރޭއިރު ކުރިޔާ ޚިލާފަށް ކަނޑުގަދަވުމާއި ރާޅުގެ ބާނި ހުންނަ މިންވަރާއި އެފަދަ ކަންކަން ހިމަނާކަމަށެވެ. މީގެ ދެއަހަރު ކުރީގައި މެޓް އޮފީހުން މޫސުން އެޕް ވެސް އައިއޯއެސް އާއި އެންޑްރޮއިޑްއަށް ޚާއްސަކޮށް ނެރެފައިވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އެ އެޕް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭއިރު ވައިބަރ ގައި މޫސުމާ ބެހޭ ކޮމިޔުނިޓީ ގްރޫޕެއް ހަދާފައިވާނެ ކަމަށާއި، އެގްރޫޕްގައި ވެސް ހަމަ އެމައުލޫމާތުތައް ވަގުތުން ވަގުތަށް ފޯރުކޮށްދެމުންދާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އަދި 2021 ވަނަ އަހަރުން ފެށިގެން މެޓް އޮފީހުން ވެސް ދުނިޔޭގައި ގެންގުޅޭ އާންމު އެލަރޓިންގ ޕްރޮޓޮކޯލް ގެންގުޅެމުން އަންނަކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އެއީ މޫސުމާ ބެހޭ ޖަމިއްޔާއިން އެޕްރޫވްކޮށްގެން ތަރައްގީވެފައިވާ ގައުމުތަކުގައި ގެންގުޅޭ އެލަރޓް ސިސްޓަމެއް. އެއަށް މިހާރު އަޅުގަނޑުމެން ބަދަލުވެއްޖެއިން މިއަހަރުން ފެށިގެން. ޓެކްސްޓް މެސެޖް ލިބޭނެ ފޯކަލް ޕޮއިންޓުންނަށް. އެއަށްދާނެ ލިންކެއް. ލިންކު ދިނީމާ ހުރިހާ މައުލޫމާތެއް އެނގޭނެ. ގެއްލުމުގެ ކުޑަބޮޑުމިން. އެހެންވީމާ އެލަރޓްތައް ވެސް މިހުރީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ބަދަލުކޮށްފައި.
އަލީ ޝަރީފް/ މެޓް އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ

މީގެއިތުރުން ރާއްޖޭގެ މޫސުމާ ބެހޭ އެކި މައުލޫމާތުތައް އެއްކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނިޒާމުތަކުގެ ޒަރީއާއިން އެމައުލޫމާތުތައް ނަގަމުން އަންނަކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

- ކޮމެންޓް