ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 02:31
އަފްޣާނިސްތާނުގައި މަރާލި ރޮއިޓަރސްގެ ފޮޓޯ ޖަރނަލިސްޓް ދާނިޝް ސިއްދީގީ
އަފްޣާނިސްތާނުގައި މަރާލި ރޮއިޓަރސްގެ ފޮޓޯ ޖަރނަލިސްޓް ދާނިޝް ސިއްދީގީ
އޭބީސީ ނިއުސް
2021 ވަނަ އަހަރު ނޫސްވެރިންގެ ހާލަތު
2021 ވަނަ އަހަރު 45 ނޫސްވެރިން މަރާލި، އެންމެ ގިނަ ނޫސްވެރިން މަރާލީ އަފްޣާނިސްތާނުގައި
އައިއެފްޖޭން ބުނީ މިއީ މިހާތަނަށް އެންމެ މަދުން ނޫސްވެރިން މަރާލާފައިވާ އަހަރުކަމަށް
ނޫސްވެރިން އެންމެ ގިނައިން މަރާލާފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި
293 ނޫސްވެރިން ވަނީ ޖަލަށްލާފައި

2021 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 45 ނޫސްވެރިން މަރާލާފައިވާކަމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓް (އައިއެފްޖޭ)ން ބުނެފިއެވެ.

އައިއެފްޖޭން ބުނީ މިއީ މިހާތަނަށް އެންމެ މަދުން ނޫސްވެރިން މަރާލާފައިވާ އަހަރުކަމަށެވެ. 2021 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ އަފްޣާނިސްތާނުގައެވެ. އެއީ 9 ނޫސްވެރިންނެވެ. މެކްސިކޯގައި 8 ނޫސްވެރިން މަރާލިއިރު އިންޑިޔާގައި 4 ނޫސްވެރިން މަރާލިއެވެ. އަދި ޕާކިސްތާނުގައި 3 ނޫސްވެރިން މަރާލިއެވެ.

ފާއިތުވި އަހަރާއި ގުޅޭގޮތުން އައިއެފްޖޭއިން ނެރެނު ބަޔާނުގައި ބުނެފައިވަނީ 2021 ވަނަ އަހަރު މަރާލި ނޫސްވެރިންގެ އަދަދު އެހެން އަހަރުތަކާއި އަޅާބަލާއިރު މަދުވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ.

ރިޕޯޓަރސް ވިތައުޓް ބޯރޑަސް އިން މީގެ ހަފްތާއެއްކުރިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު މަރާލާފައިވަނީ 46 ނޫސްވެރިންނެވެ. މިއީ އެޖަމިއްޔާއިން 1995 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާލާއިރުވެސް އެންމެ މަދުން ނޫސްވެރިން މަރާލާފައިވާ އަހަރުކަމަށް ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިން އެންމެ ގިނައިން މަރާލާފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައެވެ. އެސަރަހައްދުގައި ނޫސްވެރިކަން ކުރަމުންދިޔަ 20 ނޫސްވެރިއަކު 2021 ވަނަ އަހަރު ވަނީ މަރާލާފައެވެ. އެމެރިކާ ގައި 10 ނޫސްވެރިން މަރާލިއިރު އެފްރިކާ ސަރަހައްދުން 8 ނޫސްވެރިން ވަނީ މަރާލާފައެވެ. ޔޫރަޕު ސަރަހައްދުން 6 ނޫސްވެރިން މަރާލިއިރު މެދުއިރުމައްޗާއި އަރަބި ގައުމުތަކުގައި މަރާލާފައިވަނީ 1 ނޫސްވެރިއެކެވެ.

އައިއެފްޖޭން ބުނީ ހަނގުރާމަވެރި މައިދާންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ދިމާވާ ނުރައްކާ މިހާރު ކުރިޔަށްވުރެ ކުޑަވެފައިވާކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ކުރިއާ އަޅާބަލާއިރު ސީދާ ހަނގުރާމަ ކުރަމުންދާ ތަންތަނުން ރިޕޯޓްކުރާ ނޫސްވެރިންގެ އަދަދު މަދުވުމެވެ.

އައިއެފްޖޭން ފާހަގަކޮށްފައިވާ ގޮތުގައި ގޭންގްތަކާއި ޑްރްގާ ގުޅުންހުރި ބޮޑެތި ގްރޫޕްތަކާއި މީހުން އެންމެ ބޮޑަށް ހަރަކާތްތެރިވާ މެކްސިކޯ އާއި ގްރީސް އާއި ނެދަރލެންޑުން ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތެރިކަމަށް އަދިވެސް ބަދަލެއް ނާދެއެވެ. އެދާއިރާތަކުން ރިޕޯޓްކުރާ ނޫސްވެރިންގެ ފުރާނައަށް އޮންނަ ނުރައްކާ އަންނަނީ އިތުރުވަމުން ކަމަށް ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު މަރާލި ނޫސްވެރިންގެ އަދަދު މަދުނަމަވެސް ނޫސްވެރިން ކުރާ މަސައްކަތުގެ ސަބަބުން ޖަލަށްލާފައިވާ ނޫސްވެރިންގެ އަދަދު ވަނީ 2021 ވަނަ އަހަރު ވަރަށް ބޮޑު ތަނުން މަތިވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހާ ހަމައަށް 293 ނޫސްވެރިން ވަނީ ޖަލަށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް