ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 12:29
މޯލްޑިވިއަންގެ ފްލައިޓެއް،
މޯލްޑިވިއަންގެ ފްލައިޓެއް،
މޯލްޑިވިއަން
އެތެރޭގެ އުދުހުންތަކުގައި ދެވޭ ޚިދުމަތް
އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި ބުއިމެއް ނުދޭން ނިންމި ނިންމުމަކީ މޯލްޑިވިއަންގެ ނިންމުމެއް ނޫން: ޖެނިފާ
ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ފެން ދިނުމަށް އެދުމުން ފެން ދޭނެ
ސާކިއުލަރއާ ގުޅިގެން ބައެއް ޕްރައިވެޓް އެއަރލައިންތަކުން ވެސް އެ ޚިދުމަތް ކަނޑާލި
މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި ދެނީ ޖޫސް

ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރާ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ބުއިމެއް ނުދޭން ނިންމި ނިންމުމަކީ އެ އެއާލައިންގެ ނިންމުމެއް ނޫން ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ޖެނިފާ ވިދާޅުވީ މޯލްޑިވިއަނުން ކުރާ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ނިންމާފައި ނުވާ ކަމަށާއި، އެނިންމުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ނިންމުމެއް ކަމަށެވެ. އެ އޮތޯރިޓީގެ އެނިންމުން ނިންމާފައިވަނީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އައު ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ވެރިއެންޓާއި ގުޅިގެން ކަމަށް ޖެނިފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ނިންމުން ނިންމައި ސިވިލް އޭވިއޭޝަނުން ސާކިއުލަރ ނެރުނު ކަމަށާއި، އެސަކިއުލަރއާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ޖެނިފާ ވިދާޅުވީ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ފެން ދިނުމަށް އެދުމުން ފެން ދޭނެ ކަަމަށެވެ.

މީގެ އިތުރުން ޖެނިފާ ވިދާޅުވީ ސިވިލް އޭވިއޭޝަންގެ އެސާކިއުލަރއާ ގުޅިގެން ބައެއް ޕްރައިވެޓް އެއަރލައިންތަކުން ވެސް އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ނިންމި ކަމަށެވެ.

މޯލްޑިވިއަނުން ކުރާ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ނިންމައި އެކަން އިއުލާން ކުރީ 5 ޑިސެންބަރު 2021 ގައެވެ. މޯލްޑިވިއަނުން ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ކުރާ ޑޮމެސްޓިކް ދަތުރުތައް ފިޔަވާ އެތެރޭގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތަކަކީ އެއްގަޑިއިރަށް ވުރެ ކުރު ދަތުރުތަކެކެވެ. އަދި އެނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެގެން ދިޔައެވެ. ނަމަވެސް ކޮވިޑް-19 ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަން ތަންފީޒު ކުރުމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ އާއްމު ހާލަތަށް ދެވުމާއެކު އެ ޚިދުމަތްތައް ދެމުންދާނެ ކަމަށެވެ. މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި ދެނީ ޖޫސްތައްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް