ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 08:18
ލ. މާވަށަށް އުދައަރާ ގެއްލުންތަކެއް ލިބިފައި
ލ. މާވަށަށް އުދައަރާ ގެއްލުންތަކެއް ލިބިފައި
އެމްއެންޑީއެފް
ތޫފާންގެ އަސަރު ރާއްޖެއަށްކުރާ މިންވަރު ބޮޑުވުން
ކުރިއާ ޚިލާފަށް މިހާރު ތޫފާންތައް އުފެދެނީ ރާއްޖެއާ ކައިރިން: އަލީ ޝަރީފް
ކުރިޔާ ޚިލާފަށް ތޫފާންތައް ރާއްޖެއާ ކައިރީގައި އުފެދި އެ ބާރުގަދަވެ ރާއްޖެއާ ދުރަށް ދަތުރުކުރޭ
ތޫފާންތައް އުފެދޭ ސަރަހައްދުތަކާއި ތޫފާންތަކުގެ މައުލޫމާތު ސެޓެލައިޓް މެދުވެރިކޮށް ބެލުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި
އަހަރެއްގެ ތެރޭގައި ވާރޭވެހޭ މިންވަރަށް ބަދަލުތަކެއްނައި ނަމަވެސް ވިއްސާރަކުރާއިރު ކުރިޔާ ޚިލާފަށް ލިބޭ ގެއްލުންތައް އަންނަނީ ބޮޑުވަމުން

ކުރިއާ ޚިލާފަށް މިހާރު ތޫފާންތައް އުފެދެނީ ރާއްޖެއާ ކައިރިން ކަމަށާއި އެއަށްފަހު ބާރުގަދަވެ ރާއްޖެއާ ދުރަށް ތޫފާންތައް ދަތުރުކުރާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ޝަރީފް ވިދާޅުވީ މިހާރު ބޭ އޮފް ބެންގާލްގެ މެދުތެރެއަށް ނުދަނީސް ތޫފާންތައް ލޯ ޕްރެޝަރ ކޮޅިގަނޑުތަކަށް ބަދަލުވަމުންދާކަމަށެވެ. މީގެ ދެތިން އަހަރު ކުރިން އުފެދުނު ތޫފާން އޮޗީ އާއި 2021 ވަނަ އަހަރުގެ ކުރީކޮޅު އުފެދުނު ޓައުޓޭ ފަދަ ކޮޅިގަނޑުތަކަކީ ރާއްޖެއާ ކައިރިން އުފެދިފައިވާ ކޮޅިގަނޑުތައް ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

ސްރީލަންކާގެ އުތުރުން ނުވަތަ އިރުމަތީ ބިތު ކައިރިން ކޮޅިގަނޑުތައް ދާއިރުވެސް ރާއްޖެއާ ކައިރިން ބައެއް ތޫފާންތައް މިހާރު އިންޑިޔާގެ ދެކުނު ތަނޑިއަށް އެރުމަށްފަހު ބާރު ދެރެވެފައި އަނެއްކާ ހުޅަނގަށް ފައިބާއިރު ބާރުގަދަވެ ޕާކިސްތާނު ކައިރިން ގޮސް އަރަބި ކަނޑުގެ ސަރަހައްދުތަކަށް ދަތުރުކުރާ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

2020 ވަނަ އަހަރުވެސް ބޭ އޮފް ބެންގަލް އަށްވުރެ އަރަބި ކަނޑުގައި ތޫފާންގެ ހަރަކާތްތައް ގިނަ. އޭގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ރާއްޖެއަށްވެސް ކުރި. ވަރަށް ގިނަ އަތޮޅުތައް އެފަހަރުވެސް ރާޅު އެރުމުގެ ހާދިސާތައް ހިނގި. ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކުރިޔާ ޚިލާފަށް ރާއްޖެއާ ކައިރީގައި އުފެދި އެ ބާރުގަދަވެގެން ދުރަށް ދިޔަނަމަވެސް އެދާއިރުގައި ވަށައިގެންވާ ވައިގެ ސަރަހައްދުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ގެއްލުންތަކެއް ލިބެމުންދޭ.
އަލީ ޝަރީފް/ މެޓް އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ

މީގެއިތުރުން ރާއްޖޭގެ ދެކުނުން އޮންނަ ސަރަހައްދުތައް ކަމުގައިވާ މޮރިޝަސް، މަޑަކަސްކަރަ ހިސާބުތަކަކީ ފާއިތުވި 300 ނުވަތަ 500 އަހަރު ތެރޭގައިވެސް އެންމެ ގިނައިން ތޫފާންތައް އުފެދޭ ހިސާބަށްވާއިރު އެ ސަރަހައްދުތަކުގައި އުފެދޭ ތޫފާންތަކުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރާކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ނުދީސާކޮށް މަދުފަހަރަކު އެތޫފާންތަކުގެ އަސަރުކުރާ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާތަނަށް ކުރިމަތިވި އެެންމެ ބޮޑެތި ގެއްލުންތަކާއި އުދައެރުމާއި ރާޅު އެރުން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އެސަރަަހައްދުގައި އުފެދުނު ތޫފާންތަކުގެ ސަބަބުން ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އޭގެ ސަބަބުން 2007 ވަނަ އަހަރު އަދި 1987 ވަނަ އަހަރުވެސް ރާއްޖެއަށް އުދައެރުމުގެ ނުރައްކާތެރިކަމާއި ބޮޑަށް ކުރިމަތިލާން ޖެހުނުކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އަލީ ޝަރީފް ވިދާޅުވީ އެފަދަ ތޫފާންތައް އުފެދޭ ސަރަހައްދުތަކާއި ތޫފާންތަކުގެ މައުލޫމާތު ސެޓެލައިޓް މެދުވެރިކޮށް ބެލުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރިކަމަށެވެ. އަދި އެކަންކަން ނުބެލޭ ހިސާބުތަކުގެ މައުލޫމާތުވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ހޯދަމުންދާ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

މަޝްހޫރު ޖަމިއްޔާއެއް އޮންނާނެ މިސަރަހައްދުގައި ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓި ހެޒަރޑް އާރލީ ވަރނިންގ ސިސްޓަމް، އޭގެ ސެކެރެޓޭރިއަޓަކީ ދިވެހިރާއްޖެ. ރާއްޖޭގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން އެޖަމިއްޔާ އުފެއްދީ. މިކަހަލަ ސިސްޓަމްތައް މެދުވެރިގެން ގުޅުން ބަދަހިކުރަމުންދަނީ. ރާއްޖެ ވަށައިގެން ވާ ސަރަހައްދަކީ ކަނޑުވީމާ ޑޭޓާ ލިބުން ވަރަށް ދަތި. އެހެންވީމާ ޗެނަލްތައް ބޭނުންކޮށްގެން މިދަނީ ރަނގަޅަށް ބަލަމުން. މިކަހަލަ ހާދިސާއެއް ވަރަށް އަތުން ދޫވެގެން ނުދާނެ.
އަލީ ޝަރީފް/ މެޓް އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ

އަލީ ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފިނިހޫނުމިން އަންނަނީ މަތިވަމުން ކަމަށެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އަހަރެއްގެ ތެރޭގައި ވާރޭވެހޭ މިންވަރަށް ބަދަލުތަކެއް ނައި ނަމަވެސް ވިއްސާރަކުރާއިރު ކުރިޔާ ޚިލާފަށް ލިބޭ ގެއްލުންތައް ބޮޑުވަމުން އަންނަ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މިކަންކަމަކީ ރާއްޖެއިން ކުރިޔަށްވުރެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަންކަންކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

- ކޮމެންޓް